Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ޗެލެންޖިން ޓީމެއް ނެތް: މަރަދޫ އެފްސީ

މަރަދޫ ޓީމުގެ އެސިސްޓެންޓް ކޯޗު ނަސްރު ނައީމް / ފޮޓޯ: އައްޑޫލައިވް، އަލީ ނާސިރު

މިހާރު ކުރިއަށްދާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގައި މަރަދު އަށް މޮޅު ނުވެވޭ ވަރުގެ ޗެލެންޖިން ޓީމެއް ނެތް ކަމަށް އެ ޓީމުން ބުނެފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅޭނެ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީ ގެ ދެވަނަ މަރަދޫ އެފްސީ އަދި ގްރޫޕް އޭ ގެ އެއްވަނަ އެފްސީ ބޭރުމައްޗެވެ.

ގްރޫޕް ސްޓޭޖުގައި މަރަދޫ ޓީމު ކުޅުނު އެންމެ ފަހު މެޗަށް ފަހު ވާހަކަ ދައްކަވަމުން މަރަދޫ ޓީމުގެ އެސިސްޓެންޓް ކޯޗު ނަސްރު ނައީމް ބުނީ، ސެމީގެ ފުރަތަމަ މެޗުގައި މަރަދޫ ޓީމު ކުޅޭ ރު، މަރަދޫ ޓީމު ބަލަން ޖެހޭ ޓީމެއް ނެތް ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ދާދި އެއްހަމަ ޓީމުތަކެއް ކަމަށާއި ސެމީ މެޗަށް ވެސް ނިކުންނަނީ މޮޅުވާން ކަމަށް ވަނީ ބުނެފައެވެ. އޭނާ ބުނި ގޮތުގައި މަރަދޫ ޓީމަށް ރަނގަޅު ގޭމެއް ޖެއްސިއްޖެ ނަމަ މޮޅުވާނެ ކަމަށެވެ.

މަރަދޫ ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގައި މަރަދޫ ޓީމު ހިމެނުނު ގްރޫޕް ބީ ގައި 4 ޓީމެއް ވާދަ ކުރި އެވެ. މި ގްރޫޕުގައި ކޮންމެ ޓީމެއްވެސް ގްރޫޕުގެ އެހެން ޓީމުތަކާއި އެއްފަހަރު ކުޅެފައިވެ އެވެ. އަދި މަރަދޫ ޓީމަށް ދެ މެޗުން މޮޅުވެގެން 7 ޕޮއިންޓް ލިބިފައިވެ އެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގަ 6 ވަނަ މެޗަށް މަރަދޫ ޓީމު ތައްޔާރުވެފައި / ފޮޓޯ: އައްޑޫލައިވް، އަލީ ނާސިރު

އެގޮތުން މަރަދޫ ޓީމު، ފޭދޫގެ ޒުވާން ޓީމު ފާހި ސްޕޯޓްސްއާ ބައްދަލުކޮށް 1-5 ގެ ނަތީޖާއިން މަރަދޫ ޓީމު ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކުރި އެވެ. މަރަދޫ ޓީމުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ، ގްރޫޕުގެ އެއްވަނަ ހޯދި މެދުވަލު އެފްސީ ނުވަތަ މައިލޯ ޓީމާ އެވެ. މި މެޗުން އެ ޓީމު ބަލިވީ، 0-3 ލަނޑުންނެވެ. އެ ޓީމު ފަހު މެޗުގައި ބައްދަލު ކުރީ، މަރަދޫ ފޭދޫ އެފްސީ އަފިރިން ޓީމާ އެވެ. މި މެޗު މަރަދޫ ކާމިޔާބު ކުރީ، 2-4 ގެ ނަތީޖާއިންނެވެ.

މަރަދު އާއި ބޭރުމަތި ސެމީ ފައިނަލުގައި ވާދަ ކުރާ މެޗު މިއަދު ހަވީރު 3:45 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅޭނެ އެވެ. މި މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަކީ ޓީމުގެ އެދުމެކެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.