ވޯލްޑް ކަޕަށް ނެގި ސްޕެއިންގެ ސްކޮޑުން ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަދި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ބާކީކޮށްފި އެވެ.
ވޯލްޑް ކަޕަށް ނެގި ސްޕެއިންގެ ސްކޮޑުން ރާމޯސް ބާކީކުރިއިރު އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްކޮޑުން ވެސް އޭނާ އަށް ޖާގަ ދީފައެއް ނުވެ އެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަނުގައި ކުރިމަތިވި ނަމަވެސް މި ސީޒަނުގައި ރާމޯސް އަންނަނީ ޕީއެސްޖީގެ ފުރަތަމަ އެގާރާގައި ހިމެނިގެން މެޗުތައް ކުޅެމުންނެވެ.
ސްކޮޑުން ދެން ބާކީކުރި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ލިވަޕޫލްގެ މިޑްފީލްޑަރު ތިއާގޯ އާއި ވިޔަރެއާލްގެ ފޯވާޑް ޖެރާޑް މޮރޭނޯ އާއި ސެލްޓަވީގޯގެ ފޯވާޑް އިއާގޯ އަސްޕާސްގެ އިތުރުން މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ރެއާލް ބެޓިސްގެ ފޯވާޑް ބޯޖާ އިގްލޭސިއަސް އެވެ.
ލުއިސް އެންރީކޭ ނެގި ސްކޮޑުން ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފައިވެ އެވެ. އެގޮތުން ބާސެލޯނާގެ އަންސޫ ފާޓީ އާއި އެތްލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް އާއި ވިޔަރެއާލްގެ ޔެރެމީ ޕިނޯ ފާހަގަކޮށްލެވެ އެވެ.
މިއީ ސްޕެއިނުން ވާދަކުރާ 12 ވަނަ ވޯލްޑް ކަޕް ކަމަށްވާއިރު އެޓީމުން ވަނީ 2010 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސްޕެއިން މިފަހަރު ލައްވާލާފައިވަނީ ޖަރުމަނާއި ކޮސްޓަރީކާ އަދި ޖަޕާނާއި އެއް ގްރޫޕެއްގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ސްޕެއިން ނިކުންނާނީ ކޮސްޓަރީކާއާ ދެކޮޅަށެވެ.
ވޯލްޑް ކަޕަށް ނެގި ސްޕެއިންގެ ސްކޮޑް:
ގޯލްކީޕަރުން: އުނާއި ސިމޯން، ރޮބާޓް ސަންޗޭޒް، ޑޭވިޑް ރަޔާ
ޑިފެންޑަރުން: ސެޒާ އަޒްޕިލިކުއެޓާ، ޑެނީ ކަވަހާލް، އެރިކް ގާސިއާ، ހޫގޯ ގުޔެމޮން، ޕައު ޓޮރޭސް، އަޔެމެރިކް ލަޕޯޓް، ޔޯޑީ އަލްބާ، ހޯޒޭ ގަޔާ
މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓްސް، ރޮޑްރީ، ގަވީ، ކާލޯސް ސޮލާ، މާކޮސް ލޮރެންޓޭ، ޕެޑްރީ، ކޮކޭ
ފޯވާޑުން: ފެރަން ޓޮރޭސް، ނިކޯ ވިލިއަމްސް، ޔެރެމީ ޕިނޯ، އަލްވަރޯ މޮރާޓާ، މާކޯ އެސެންސިއޯ، ޕަބްލޯ ސަރާބިއާ، ޑެނީ އޮލްމޯ، އަންސޫ ފާޓީ