ވޯލްޑް ކަޕްގައި ވާދަކުރާ އާޖެންޓީނާ ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފި އެވެ.
އާޖެންޓީނާގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން އާޖެންޓީނާ އިން މިފަހަރު ނަގާފައިވަނީ ތަޖުރިބާކާރު އަދި ޒުވާން ކުޅުންތެރިން ވެސް އެކުލެވޭ ސްކޮޑެވެ.
އެގޮތުން މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅޭ ފަސްވަނަ ވޯލްޑް ކަޕް ކަމަށްވާއިރު މިއީ ފަހަރުގައި އޭނާ ކުޅޭ ފަހު ވޯލްޑް ކަޕަށް ވުމަކީ ގާތް ކަމެކެވެ. މިވަގުތު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ރޯމާގެެ ފޯވާޑް ޕައުލޯ ޑިބާލާ އަށް ވެސް ސްކޮޑުން ޖާގަ ދިންއިރު މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އޭނާ މެޗެއް ކުޅެފައެއް ނުވެ އެވެ.
މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 35 މެޗު ހަމަކޮށްފައިވާއިރު، 1986 ވަނަ އަހަރަށްފަހު އެ ޓީމަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ލައްވާލީ ގުރޫޕް ސީގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯ އެވެ.
އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑް:
ގޯލްކީޕަރުން: އެމިލިއާނޯ މާޓިނޭޒް، ފްރެންކޯ އަރްމާނީ، ގެރޯނިމޯ ރޫލީ
ޑިފެންޑަރުން: ގޮންޒާލޯ މޮންޓިއެލް، ނައުއެލް މޮލީނާ، ޖާމަން ޕެޒެއްލާ، ކްރިސްޓިއަން ރޮމޭރޯ، ނިކޮލަސް އޮޓެމެންޑީ، ލިސަންޑްރޯ މާޓިނޭޒް، ހުއާން ފޮއިތް، ނިކޮލަސް ޓަގްލިއަފީކޯ، މާކޮސް އަކުންޔާ
މިޑްފީލްޑަރުން: ލިއަންޑްރޯ ޕަރޭޑެސް، ގުއިޑޯ ރޮޑްރިގޭޒް، އެންޒޯ ފަނާންޑޭޒް، ރޮޑްރިގޯ ޑެ ޕޯލް، އެޒީކުއެލް ޕަލާސިއޯސް، އަލަހަންޑޯ ގޮމޭޒް، އެލެކްސިސް މެކަލިސްޓާ
ފޯވާޑުން: ޕައުލޯ ޑިބާލާ، ލިއޮނަލް މެސީ، އެންހެލް ޑިމަރިޔާ، ނިކޮލަސް ގޮންޒާލޭޒް، ޔޮކީން ކޮރީޔާ، ލައުޓާރޯ މާޓިނޭޒް، ޖޫލިއަން އަލްވަރޭޒް