Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ޓްވިޓާގެ ހަސަން ކުރުސީ އަކީ ނަޝީދު: ރޮޒޭ

ހަސަން ކުރުސީގެ ނަމުގައި ޓްވިޓާ އެކައުންޓެއް ގެންގުޅުއްވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަން މިހާރު ވަރަށް ސާފުކޮށް ފަޅާއަރައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ލިބިފައިވާ ފުރުސަތުތައް މިހާރުގެ ސަރުކާރުން ނަގައިލަމުންދާ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ނަމަ ނަޝީދާ އެކީ މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓާ ބެހޭ ގޮތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ދެއްކެވި ވާހަކަތަކަކާ ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބެހި ކަމަށް ވިދާޅުވެފައިވެ އެވެ.

ރޮޒޭގެ އެ ވާހަކަތަކާ ގުޅިގެން ހަސަން ކުރުސީ ކުރެއްވި ޓްވީޓެއްގައި އިމްތިޔާޒް ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވައި ވިދާޅުވެފައި ވަނީ "ރޮޒޭ އަކީ ފައިސާ އާއި މަގާމާއި މަޝްހޫރުކަމުގެ ފަހަތުން ދުވާ މީހެއް" ކަމަށެވެ.


"އޭނަގެ ކިބައިގައި ކަންކަން އިސްލާހުކުރަން މަސައްކަތްކުރުމުގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް." ހަސަން ކުރުސީ ވިދާޅުވި އެވެ.

އެ ޓްވީޓްގައި ރައްދުގައި ރޮޒޭ ވިދާޅުވީ އޭނަގެ ނަން ލިޔުއްވާ އިރު ލެޓިނިން "Rosey" އޭ ލިޔުއްވަނީ ހަމައެކަނި ނަޝީދު ކަމަށާއި ހަސަން ކުރުސީ އަކީ މިހާރު ކާކުކަން ސާފުކޮށް ފަޅާ އަރާފައިވާ ކަމަށެވެ. އަދި އޭނަ އަކީ އެއްވެސް ކަމެއް އިސްލާހުކުރަން އުޅޭ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އޭނަ އަކީ އަމިއްލަ އެދުމާހެދި ވެރިކަމުގެ ދަހިވެހިތިކަމުގައި އަމިއްލަ ޕާޓީ އާއި ގައުމު ހަލާކުރަން އުޅޭ މީހެއް،" ނަޝީދަށް ނިސްބަތްކޮށް ރޮޒޭ ވިދާޅުވި އެވެ. "ލަދުވެތިވޭ."

އޭނަގެ އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނަޝީދަކީ އަމިއްލަ ޕާޓީ އާއި ޕާޓީގެ ސަރުކާރު ވައްޓާލަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވެސް ޑީލް ހައްދަވާ ބޭފުޅެއް ކަމަށެވެ.

ހަސަން ކުރުސީ އަކީ ނަޝީދު ކަމަށް ރޮޒޭ ވިދާޅުވި އިރު، ބައެއް އެހެން ނަންނަމުގައި ނަޝީދު ޓްވިޓާ އެކައުންޓްތަކެއް ގެންގުޅުއްވާ ކަމަށް ވާހަކަ ދެކެވެ އެވެ. އެ މަނިފާނު ރަސްމީ ސިފައެއްގައި ޓްވިޓާ ބޭނުން ކުރައްވަނީ މުހައްމަދު ނަޝީދުގެ ނަމުގަ އެވެ.