އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލަށް ނުކުންނާނި ރަނގަޅަށް ތައްޔާރުވެގެން މެޗު ނަގަން ކަމަށް އެފްސީ ބޭރުމަތިން ބުނެފި އެވެ.
ހަވީރުގެ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމު ބޭރުމަތި އެފްސީ އާއި ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ މަރަދޫ އެފްސީ އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗަށް ފަހު ވާހަކަ ދައްކަމުން އެފްސީ ބޭރުމަތީގެ އެސިސްޓެންޓް ކޯޗު ހައްސާން ރަޝީދު ބުނީ މުބާރާތުގައި ބަލި ޓީމެއް ކުރިއަށް ނުދާނެ ކަމަށެވެ. އެހެންކަމުން މިހާރު ވާދަ ކުރަން ތިބީ ރަނގަޅު ޓީމުތަކަށްވުމުން އެ ޓީމު ނުކުންނާނީ ކޮންމެ ޓީމަކާ ޖެހުނަސް ރަނގަޅަށް ތައްޔާރުވެގެން މެޗު ނަގަން ކަމަށެވެ. އަދި އެފްސީ ބޭރުމަތީގެ ޓާގެޓަކީ ތަށި ނެގުން ކަމަށް ވެސް އޭނާ ބުންޏެވެ.
މުބާރާތުގައި ބޭރުމަތި ޓީމު ގްރޫޕްގެ އެއްވަނަ ހޯދާފައި ވަނީ ކުޅުނު 4 މެޗުން 3 މެޗު ކާމިޔާބުކޮށްގެން 9 ޕޮއިންޓާ އެކީގަ އެވެ. މި ގްރޫޕުގައި 3 ޓީމު އޮތުމުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅެފައިވެ އެވެ. މި ގްރޫޕުގެ ދެވަނަ ނެގި ފޭދޫ ޓީމަށް ވެސް 9 ޕޮއިންޓް ލިބިފައިވާ އިރު، ބޭރުމަތި އެއްވަނަ ހޯދީ ގޯލު ތަފާތުން ކުރި ހޯދައިގެންނެވެ. އެގޮތުން މި ދެ ޓީމު ކޮޅަށް ވެސް 6 ގޯލު ވަދެފައިވާ އިރު، ބޭރުމަތި ޓީމުން 19 ގޯލު ޖަހާފައިވެ އެވެ. ފޭދޫ ޓީމުން ޖަހާފައި ވަނީ 13 ގޯލެވެ.

ބޭރުމަތި މުބާރާތުގައި ފުރަތަމަ ފޭދޫ ސްޕޯޓްސްއާ އެކު ކުޅުނު މެޗުން 2-3 ވަނީ ބަލިވެފަ އެވެ. އެ ޓީމު މީދޫގެ ކްލަބް ލޮތާރިއާ އެކު ކުޅުނު މެޗު 0-8 އިން ވަނީ ކާމިޔާބު ކޮށްފައެވެ. ފޭދޫ ޓީމާއި އެކު ކުޅުނު ދެވަނަ މެޗު 1-2 އިން ބޭރުމަތި ކާމިޔާބުކުރި އެވެ. އަދި ލޮތާރިއާ އެކު ކުޅުނު ދެވަނަ މެޗު ކާމިޔާބު ކުރީ 2-7 ގެ ނަތީޖާއިންނެވެ.
އެފްސީ ބޭރުމަތި އަދި މަރަދޫ އެފްސީ ސެމީ ފައިނަލުގައި ވާދަ ކުރާ މެޗު ފަށާނީ ހަވީރު 3:45 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމް ގަ އެވެ. މި މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދިއުމަކީ ޓީމުގެ އެދުމެކެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.