Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ޓީވީ އެކްޓަރު ސިދާންތު މަރުވެއްޖެ

އެތައް ޓީވީ ސިލްސިލާއެއްގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ސިދާންތު ވީރް ސޫރިއަވަންޝީ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 46 އަހަރުގެ އެކްޓަރު އިއްޔެ މަރުވީ ޖިމްގައި ކަސްރަތުކުރަން އުޅެނިކޮށެވެ. ސިދާންތުގެ މަރާ ގުޅިގެން މުނިފޫހި ދާއިރާގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ސިދާންތު އެންމެ ފަހުން ފެނިފައި ވަނީ ޑަންގަލް ޓީވީ ގެނެސްދިން ސިލްސިލާ "ކޯޓް ރޫމް" އިންނެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި ޒީޓީވީގެ "ކިޔު ރިޝްތޯ މޭ ކައްޓީ ބައްޓީ"، "ސޫފިޔާނާ ޕިޔާރު މޭރާ"، "ސާތު ޕޭރޭ: ސަލޯނީ ކީ ސަފަރު"، "މަމްތާ" އަދި "ވިރުދު" ހިމެނެ އެވެ.

ސިދާންތު މަރުވި އިރު އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ. ސިދާންތުގެ އަންހެން ދަރިފުޅަކީ ފުރަތަމަ ކައިވެންޏަށް ލިބުނު ކުއްޖެކެވެ. އެ ކައިވެނި 2015 ގައި ރޫޅުމަށް ފަހު 2017 ގައި އޭނަ ކައިވެނިކުރީ ސުޕަ މޮޑެލް އެލީޝިއާ ރައުތުއާ އެވެ.