ނިއު ޒީލޭންޑުން ފުރައިގެން ދަތުރުކުރަމުން ދިޔަ ކްރޫޒް ޝިޕެއްގައި 800 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޮސްޓްރޭލިއާގެ ސިޑްނީގައި ބަނދަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ 12 ދުވަހުގެ ދަތުރަކަށް ނުކުތް "މެޖެސްޓިކް ޕްރިންސެސް" ކިޔާ އުޅަނދުގައި ތިބި 4،600 މީހުން ތިބި އިރު، ކޮވިޑް ފެތުރިފައިވާ ނިސްބަތަށް ބަލާ އިރު، ކޮންމެ ފަސް މީހަކުން އެކަކީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.
މިކަމާ ގުޅިގެން އެ ބިޔަ އުޅަނދު އޮޕަރޭޓްކުރާ އޮސްޓްރޭލިއާގެ ކުންފުނި، ކާނިލް އޮސްޓްރޭލިއާގެ ރައީސް މާގްރައިޓް ފިޒްޖެރާލްޑް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ބޯޓް ފައިބައި އައިސޮލޭޝަނަށް ފޮނުވަން "މެޖެސްޓިކް ޕްރިންސެސް" ގެ މުވައްޒަފުންނާއި ސިޑްނީގެ ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މާގްރައިޓް ވިދާޅުވި ގޮތުގައި ޗުއްޓީ އަށް ނުކުތް ބަޔަކު ޝިޕްގައި ކޮވިޑް ޖެހުނީ ދަތުރަށް ފެށި ފަހުންނެވެ. އެހެންވެ އޭގައި ތިބި މީހުން އައިސޮލޭޝަނަށް ބާލައި މެލްބަން އަށް ފުރަން ވަނީ ނިންމައިފަ އެވެ.
"މެޖެސްޓިކް ޕްރިންސެސް" އިން ބަޔަކު ކޮވިޑަށް ޕޮޒިވްވި އިރު، އެ އުޅަނދު އޮޕަރޭޓްކުރާ ކުންފުނީގެ "ރޫބީ ޕްރިންސެސް" ގައި 2020 ގައި 900 އެއްހާ މީހަކަށް ބަލިޖެހި، 28 މީހަކު މަރުވެފައިވެ އެވެ.
އޮސްޓްރޭލިއާގައި މިހާރު އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިރު، ނިއު ސައުތު ވޭލްސް އިން އެކަނި ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 19،800 ކޭސް ފެނިފައިވެ އެވެ.