Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކާތިކް އުޅެނީ އަކްޝޭ "ސައިޒްކުރަން"

ކާތިކް އާރިޔަނަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކެކެވެ. އޭނަ އަންނަނީ ކޮންމެ ފިލްމަކާ އެކީ ވެސް ކާމިޔާބު ތަރިއެއްކަން ސާބިތުކޮށްދެމުންނެވެ. އެގޮތުން މި އަހަރު ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަކީ ކާތިކް ކުޅުނު "ބޫލް ބުލައްޔާ 2" އެވެ.

ކުރިއަށް އޮތީ އަންނަ މަހުގެ 2 ގައި ގެނެސްދޭ އޭނަގެ ތުރިލާ "ފްރެޑީ" އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ "ބޫލް ބުލައްޔާ 2" އަކީ އަކްޝޭ ކުމާރު 2007 ގައި ކުޅުނު ކާމިޔާބު ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކްއެލްކަމެވެ. އެކަމަކު އާ ފިލްމުން އަކްޝޭ އަށް ފުރުސަތު ނުލިބި، އެ ފިލްމު ގެނެސްދިނީ މުޅިން ތަފާތު ޓީމަކާ އެކީގަ އެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ކާތިކް މިހާރު ވަނީ އަނެއްކާ ވެސް އަކްޝޭގެ ފުރުސަތެއް ގެއްލުވާލައިފަ އެވެ. އެއީ "ހީރާ ޕޭރީ" ގެ ފްރެންޗައިޒުންނެވެ.

މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން އައި އެއްޗެކެވެ. އަޑުތައް މިހާރު އަރާފައިވާ ގޮތުން އަކްޝޭގެ ކެރެކްޓާ "ހީރާ ޕޭރީ 3" ގައި ކުޅޭނީ ކާތިކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ މިހާރު ކާތިކާ އެކީ މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުަގައި ތިން ވަނަ ބައިން އަކްޝޭ އަށް ފުރުސަތު ނުދޭން ނިންމީ އޭނަ ފީއަކަށް 90 ކްރޯޑް ރުޕީސް ޑިމާންޑްކުރުމާ ގުޅިގެންނެވެ. އަދި ކާތިކް 30 ކްރޯޑަށް ފިލްމަށް އެއްބަސްވާން ތައްޔާރަށް ހުރި ކަމަށް ބުނެފައިވާތީ އާއި އޭނަ އަކީ މިހާރު ބޮލީވުޑްގެ ވަރަށް ހިނގާ ތަރިއަކަށްވާތީ އަކްޝޭ ދޫކޮށްލައި، ކާތިކާ އެކީ ފިލްމު ހަދައިފި ނަމަ މާ ބޮޑަށް ވެސް ކާމިޔާބުވާނެ ކަމަށް ޕްރޮޑިއުސަރަށް ގަބޫލުރެވުނީ އެވެ.

އެހެންވެ 31 އަހަރުގެ އެކްޓަރާ އެކީ ވަރަށް އަވަހަށް "ހީރާ ޕޭރީ 3" އިއުލާން ވެސް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ތިން ވަނަ ބައި ޑައިރެކްޓްކުރާނީ "ބޫލް ބުލައްޔާ 2" ގެ ޑައިރެކްޓަރު އަނީސް ބަޒްމީ އެވެ. ފިލްމު މިހާރު އޮތީ ސްކްރިޕްޓިން މަރުހަލާގަ އެވެ. އެހެންވެ ޝޫޓިން ފަށާނީ އަންނަ އަހަރު އެވެ.

"ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު. "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.

ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަތިއަ ޕްރޭމް ކީ ކާތާ" އާއި "ކެޕްޓަން އިންޑިއާ" އާއި "އާޝިގީ 3" އަދި ނަން އިއުލާން ނުކުރާ ކަބީރް ޚާންގެ ފިލްމެއް ހިމެނެ އެވެ.