Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ބްރެންޓްފޯޑުން ފަހު ވަގުތު ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

މި މެޗުން ބަލިވުމުން ސިޓީ އޮތީ 14 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި 13 މެޗުން ލިބުނު 34 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ. ބްރެންޓްފޯޑް އޮތީ 15 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހަށް ފަހު އަމިއްލަ ދަނޑުގައި ކުޅެ ސިޓީ ބަލިވި ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ވެސް ބްރެންޓްފޯޑުންނެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓްގައި މި ގޯލް ބްރެންޓްފޯޑަށް ކާމިޔާބުކޮށްދިނީ އައިވަން ޓޯނީ ކަމަށްވާއިރު އޭނާ މި ގޯލް ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ނަތީޖާ އެއްވަރުކުރަން ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ބްރެންޓްފޯޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ފިލް ފޮޑެން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފްގައި ސިޓީން ބްރެންޓްފޯޑްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު އެ ހަމަލާތައް ދިފާއުކުރުމުގައި ބްރެންޓްފޯޑްގެ ގޯލްކީޕަރު ޑޭވިޑް ރަޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި 10 މިނެޓް ދެއްކިއިރު ބްރެންޓްފޯޑުން ލީޑު ނެގީ އިތުރު ވަގުތުގެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. އެގޮތުން ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ތިރިން ހުރަސްކޮށްލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ބްރެންޓްފޯޑްގެ ދެވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ޓޯނީ އެވެ.

ޓޯނީ މި މެޗުގައި ދެ ގޯލް ކާމިޔާބު ކުރިއިރު ވޯލްޑް ކަޕަށް އިންގްލޭންޑުން ނެގި 26 ކުޅުންތެރިންގެ ސްކޮޑުން އޭނާ އަށް ޖާގަ ދީފައެއް ނުވެ އެވެ. ޓޯނީ ވަނީ ލީގުގައި ކުޅުނު 14 މެޗުގައި 10 ގޯލް ކާމިޔާބުކޮށްފަ އެވެ.