Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ނައްޓޭގެ ދެ ލަނޑާ އެކީ ބޭރުމަތި ފައިނަލަށް

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ސެމީ ފައިނަލް 1 ގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް، އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ސެމީ ފައިނަލް ފުރަތަމަ މެޗު އެފްސީ ބޭރުމަތި ކާމިޔާބުކޮށް، ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ، އެފްސީ ބޭރުމަތި، އަދި މަރަދޫ އެފްސީއެވެ. މިމެޗު ބޭރުމަތި ޓީމު ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މިއާއެކު އެ ޓީމު ވަނީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. މި ހާފުގައި ރަނގަޅު ލަނޑު ޖަހާނެ ފުރުސަތުތަކެއް ބޭރުމަތި ޓީމަށް ލިބުނެވެ. ނަމަވެސް މަރަދޫ ޓީމުގެ ވަރުގަދަ ޑިފެންސް ފޫއަޅުވައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތް އެ ޓީމަށް ނުވެއެވެ. މި ހާފުގައި މަރަދޫ ޓީމަށްވެސް ގޯލު ޖާހާނެ ފުރުސަތު ލިބިފައިވެއެވެ. ނަމަވެސް އެންމެ އެކަށީގެންވާ ގޮތަށް ބޯޅަތައް ނިންމާ ނުލެވެއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. މި ހާފުގައި ބޭރުމަތި ޓީމުން ހަމަލާތައް އިތުރުކޮށް ރަނގަޅު ބޯޅަތަކެއް ކުރިއަށް ފޮނުވާލާފައިވެއެވެ. ނަމަވެސް ގޯލާއި އަމާޒުކޮށް ޖެހި ބޯޅަތައް މަރަދޫ ޓީމުގެ ދާގަނޑު ފޫއަޅުވާ ލެވިފައި ނުވެއެވެ. މިމެޗުގެ ދެވަނަ ހާފުގައި ފަހު 5 މިނެޓު ތެރޭ ބޭރުމަތި ޓީމުން ވަނީ 2 ގޯލު ޖަހާފައެވެ.

މި ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު ނާޝިދު، ނައްޓޭއެވެ. އެގޮތުން އޭނާގެ ފުރަތަމަ ގޯލު 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވާއިރު، ދެވަނަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ 90 ވަނަ މިނެޓުގައެވެ. މެޗު ނިންމާލީ މި ނަތީޖާއާއެކު 0-2 އިން ބޭރުމަތި މޮޅުވެގެންނެވެ.

މިމުބާރާތުގެ ފައިނަލަށް ބޭރުމަތި ޓީމު ދަތުރުކުރިއިރު، ސެމީ ފައިނަލުގެ ދެވަނަ މެޗު މާދަމާ ކުޅޭނެއެވެ. މިމެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީ ގެ އެއްވަނަ މެދުވަލު އެފްސީ ނުވަތަ މައިލޯ ޓީމް އާއި ގްރޫޕް އޭ ގެ ދެވަނަ ހޯދި ފޭދޫ ސްޕޯޓްސްއެވެ. މިމެޗު ފަށާނީ މާދަމާ 3:45 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.