Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އައްޑޫގައި މެޖިކް ޝޯވްއެއް ބާއްވަނީ

އައްޑޫގައި ބާއްވާ މެޖިކް ޝޯވްގައި ޕާފޯމް ކުރާ ލަންކާގެ އެމިލް އެރަނގާ

މާލޭގެ ސްޓޫޑިއޯއެއް ކަމަށް ލެގެސީ ސްޓޫޑިއޯއިން އިންތިޒާމް ކޮށްގެން ހާއްސަ މެޖިކް ޝޯވްއެއް އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

ލެގެސީ ސްޓޫޑިއޯގެ އިސް އޮފިޝަލަކު ވިދާޅުވީ ސްރީލަންކާގެ މަޝްހޫރު މެޖީޝަނެއްގެ ހުނަރު ދައްކާލާ ޝޯވްގެ ދެ ބައެއް އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިރާގާއި ގުޅިގެން މާދަމާ ހަވީރު ހިތަދޫ ކުޑަކުދިންގެ ޕާކްގައި ހާއްސަ ޝޯވްއެއް ކުރިއަށް ގެންދާނެކަމަށެވެ.

"އަޅުގަނޑުމެން ދެ ބަޔަކަށް ޝޯވް ކުރިއަށް ގެންދަން ނިންމާފައިވަނީ، އެގޮތުން މާދަމާ ހަވީރު ހިތަދޫ ކުޑަކުދިންގެ ޕާކް ގައި ޓްރިކްސް ޝޯވްއެއް ކުރިއަށް ގެންދާނަން، އަދި މާދަމާ ރޭ ހިތަދޫ ސްކޫލްގައި އިލޫޝަން ޝޯވްއެއް ކުރިއަށް ގެންދާނަން"

އޮފިޝަލް ވިދާޅުވީ ސްރީލަންކާގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ އެމިލް އެރަންގާގެ ހާއްސަ ޝޯވް އޮންނާނީ ހިތަދޫ ސްކޫލްގެ ހޯލުގައި މާދަމާ ރޭ ކަމަށެވެ.

ޝޯވްގެ ޓިކެޓް ވިއްކުމަށް ނިންމާފައިވަނީ 50 ރުފިޔާއަށެވެ. ޝޯވްގެ ޓިކެޓް މާދަމާ ހަވީރު ހިތަދޫ ކުޑަކުދިންގެ ޕާކްއިން ލިބެން ހުންނާނެއެވެ. އަދި 9692646 ނަންބަރަށް ގުޅުއްވައިގެންވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ލެގެސީ ސްޓޫޑިއޯއިން ބުނީ ހޮނިހިރު ދުވަހު ހަވީރު ހިތަދޫ ސްކޫލްގައި އިތުރު ކުޑަކުދިންގެ ޝޯވްއެއް ދިނުމަށް ފަހު ފައިނަލް ޝޯވް ބޮޑު ތަނެއްގައި ބޭއްވޭތޯ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.