ވުލްވްސް 2-0 އިން ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލުން ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 14 މެޗުން ލިބުނު 37 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 14 މެޗުން ލިބުނު 32 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. މިއީ 2013 ވަނަ އަހަރަށް ފަހު އާސެނަލުން ލީގުގެ އެއްވަނައިގައި މިހާ ބޮޑު ލީޑެއް ނެގި ފުރަތަމަ ފަހަރެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ލީޑު ނަގާދީފަ އެވެ. މި ގޯލަށްފަހު ވެސް އާސެނަލުން ވުލްވްސްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މެޗުގެ 75 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ އޮޑެގާޑް އެވެ.
ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އާސެނަލުން ތަނަވަސްކުރިއިރު މުޅި މެޗުގައި ވެސް ވުލްވްސް އަށް އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާ އެވެ. ރޭގެ މެޗުން ބަލިވުމުން ވުލްވްސް މިހާރު އޮތީ 15 މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ ފުލުގަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ޗެލްސީ 1-0 އިން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑުން ވަނީ ލީގުގެ ތިންވަނަ މަގާމު ދަމަހައްޓާފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ނިއުކާސަލް އަށް މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޯ ވިލޮކް ކަމަށްވާއިރު މިއީ ލީގުގައި ޗެލްސީ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި މިއީ ނިއުކާސަލް އިން ލީގުގައި ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅެވެ.
ލިވަޕޫލުން 3-1 އިން ސައުތްހެމްޓަން ބަލިކުރުމަށްފަހު ލީގުގެ ހަވަނަ އަށް ޖެހިލާފައިވާއިރު ބޯންމަތް އިން ވަނީ އެވަޓަންގެ މައްޗަށް ރޭ 3-0 އިން ކުރި ހޯދާފަ އެވެ. އަދި ޓޮޓެންހަމުން ފަހަތުން އަރާ 4-3 އިން ލީޑްސް ޔުނައިޓެޑް ބަލިކުރިއިރު ނޮޓިންހަމް ފޮރެސްޓުން ވަނީ 1-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ.