ބަތަލާ އާލިއާ ބަޓް ބަލިވެއިނުމާ ގުޅިގެން ރިލީޒްކުރުން ފަސްކުރި ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ތާރީހެއް އިއުލާންކޮށްފި އެވެ.
ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ. ނަމަވެސް އާލިއާ ބަލިވެއިން އިރު، ފިލްމުގެ ލަވައެއްގެ ޝޫޓިން އަދި ނުނިމި އޮތުމާ ގުޅިގެން ބެލުންތެރިންނަށް ފިލްމު ގެނެސްދިނުން ފަސްކުރި އެވެ. ނަމަވެސް މި މަހުގެ 6 ގައި އާލިއާ ވިހާފައިވާތީ ކަރަން މިހާރު ވަނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ތާރީހެއް އިއުލާންކޮށްފި އެވެ.
އޭނަގެ ސޯޝަލް މީޑިއާގައި އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނީ ހިތްތަކާ ކުޅެލާނެ މި އާއިލީ ލޯބީގެ ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 28 ގަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފެށި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ އެއްޗެކެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. ކަރަން ބުނެފައިވާ ގޮތުގައި މި ފިލްމަކީ އޭނަގެ ފުރަތަމަ ޑައިރެކްޝަން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އާއި 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" ސްޓައިލްގެ، ވަރަށް އުފާވެރިކަން ގެނުވައިދޭނެ ކަހަލަ ފިލްމަކަށް ވާނެ އެވެ.
މި ފިލްމުގެ އެންމެ ލަވައެއް ފިޔަވައި ހުރިހާ ޝޫޓިންއެއް ނިންމާފައިވާ އިރު، ޝޫޓް ނުކުރެވި އޮތް ލަވަ ޝޫޓްކުރާނީ އާލިއާ ބަލިވެއިނުމާ ގުޅިގެން ހަށިގަނޑު އައި ބަދަލު ދުއްވާލައި، ފިލްމުގެ ޝޫޓިން ފެށި އިރު ހުރި ބައްޓަމަށް ރުޖޫއަށްވުމަށް ފަހު އެވެ. އެ މަސައްކަތް މާ ލަސްތަކެއް ނުވެ ހުނަރުވެރި ބަތަލާ ފަށާނެ އެވެ.
ލަވަ ޝޫޓްކުރަން ހަމަޖެހިފައި ވަނީ ޔޫރަޕްގެ ބައެއް ލޮކޭޝަންތަކުގައި ކަމަށް ކަރަން ބުނެފައިވެ އެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އޭނަ ޑައިރެކްޓްކުރާ ހަތް ވަނަ ފިލްމެވެ. ކަރަން އެންމެ ފަހުން ގެނެސްދިނީ 2016 ގެ "އޭ ދިިލް ހެ މުޝްކިލް" އެވެ.