އައްޑޫގެ ލިންކް ރޯޑާއި، އަލަށް ތާރަ އެޅި މަގިތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ބައެއް ފަރާތްތައް މަރުވި ފަހުން، މަގުގެ ހާލަތު ބެލުމަށް ދިރާސާއެއް ކުރުމަށް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީން ނިންމައިފިއެވެ
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އައްޑޫގެ މަގުތަކުގެ ހާލަތު ބަލައި އެތަންތަނަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ކަމުގެ ފަންނީ މާހިރުންގެ ޓީމެއް އަންނަ ހަފްތާގައި އައްޑުއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.
އައްޑޫގެ މަގުތައް އަމާން ތަނަކަށް ހެދުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ގިނަ ޝަކުވާތައް ދަނީ ހުށަހަޅަމުންނެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެފަދަ ގިނަ ޝަކުވާތައް އާއްމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. އަދި މަގުގެ ހާލަތު ދިރާސާ ކުރުމަށްފަހު އާއްމު ސަލާމަތީ މިންގަނޑުތަކަށް މަގުތައް ފެއްތުމަށް ކުރަންޖެހޭ މަސައްކަތް ހަރުދަނާކަމާއެކު ތަންފީޒު ކުރެވޭނެކަމަށެވެ.
ފާއިތުވި ދެ ހަފްތާ ތެރޭ އައްޑޫގައި ވަނީ އެތައް އެކްސިޑެންޓެއް ހިނގާފައެވެ. އެގޮތުން މިދެހަފްތާ ތެރޭ 2 މީހަކު މަރުވެފައިވާ އިރު ޒުވާނެއްގެ ބޮލަށް ލިބުނު ގެއްލުމާއި ގުޅިގެން އިތުރު ފަރުވާއަށް މާލެ ވަނީ ގެން ގޮސްފައެވެ. އަދި އިއްޔެ މެންދުރު ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ޕޭވްމަންޓްގައި ޖެހި އެޒުވާނާގެ މޫނަށާއި ކޮޑު ކަށިގަނޑަށް ވަނީ ގެއްލުންވެފައެވެ.
އައްޑޫގައި އެކްސިޑެންޓް ގިނަވުމާއި ގުޅިގެން މަގުގެ ހާލަތު ބެލުމަށް މިހާތަނަށް ސަރުކާރުގެ ކަމާއި ބެހޭ އެއްވެސް އިދާރާއަކުން މަސައްކަތެއް ކޮށްފައި ނުވެއެވެ.