ފްރާންސެއް ޕެރިހުގެ އެއާޕޯޓެއް "އަމިއްލަ ގެދޮރަށް ހަދައިގެން" 18 އަހަރު ވަންދެން އުޅެގެން ދުނިޔޭގެ ސަމާލުކަން ލިބުނު އިރާންގެ މެހްރާން ކަރީމީ ނައްސޭރީ ހަމަ އެއާޕޯޓްގައި މަރުވެއްޖެ އެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އުމުރުން 77 ގައި މަރުވެފައި ވަނީ އިއްޔެ އެވެ.
މެހްރާން ވަނީ ޕެރިހުގެ ރޮއިސީ ޗާލްސް ޑި ގޯލީ އެއާޕޯޓްގައި 1988-2006 އާ ހަމައަށް ދިރިއުޅެފަ އެވެ. ކާރޫބާރޫ ބޮޑު އެއާޕޯޓްގެ 2އެފް ޓާމިލަންގެ ތަންކޮޅެއްގައި "އަމިއްލަ ގެދޮރު ކަމަށް ހަދައިގެން" މެހްރާން ކުރި ތަޖުރިބާ އަސްލަކަށް ބަލައިގެން 2004 ގައި ހޮލީވުޑުން ފިލްމެއް ވެސް ހަދާފައިވެ އެވެ. ކުޅަދާނަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް "ދަ ޓާމިނަލް" ގައި ނަމުގައި ގެނެސްދިން ފިލްމުގެ މައިގަނޑު ކެރެކްޓާ ކުޅުނީ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް އެވެ.
މި ފިލްމު ރިލީޒްވުމާ އެކީ މެހްރާނަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބި، އެތައް ނިއުސް އެޖެންސީއަކުން އޭނަގެ ވާހަކަ ގެނެސްދީފައިވެ އެވެ. ދިގު މުއްދަތެއް ވަންދެން މެހްރާން އެއާޕޯޓްގައި "މާ ބޮޑު ފިކުރެއް ނެތި، ވަރަށް ސާދާކޮށް" ދިރިއުޅުނު އިރު އެންމެ އާންމުކޮށް ކޮށް އުޅުނު ކަންކަމަކީ އަމިއްލަ ތަޖުރިބާ ނޯޓް ފޮތެއްގެ ލިޔުމާއި ފޮތް ކިއުމާއި ނޫސް ކިއުމެވެ.
ފްރާންސްގެ އެއާޕޯޓެއްގައި 18 އަހަރު ދިރިއުޅުނަސް އެ ގައުމުގައި ރެފިއުޖީއެއްގައި އުޅުމުގެ ފުރުސަތު 1999 ގައި ސަރުކާރުން ފަހިކޮށް ވެސް ދިނެވެ. އެކަމަކު މެހްރާން އެ ފުރުސަތު ބޭނުން ހިފާކަށް ވެސް ބޭނުމެއް ނުވި އެވެ. އަދި 2006 ހަމައަށް އެއާޕޯޓްގައި އުޅުމަށް ފަހު، ބަލިވުމާ ގުޅިގެން އޭނަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ފަހުން އުޅުނީ ހޮސްޓެލްއެއްގަ އެވެ. އެގޮތުން ފަހުން މެހްރާން ދިރިއުޅުނީ އޭނަ އަށް ބިނާކޮށް ހެދި "ދަ ޓާމިނަލް" އިން ލިބުނު ފައިސާއިންނެވެ.

މެހްރާން އެންމެ ފުރަތަމަ ޔޫރަޕަށް ދަތުރުކުރީ މަންމަ ހޯދުމުގެ މަގުސަދުގަ އެވެ. އެގޮތުން އޭނަ ދުވަސްތަކެއް ވަންދެން ބެލްޖިއަމްގައި ވެސް ދިރިއުޅުނެވެ. މެހްރާން ފްރާންސަށް ދިޔައީ ސައްހަ ލިޔެކިޔުންތައް ނެތް މައްސަލައާ ގުޅިގެން އިނގިރޭސިވިލާތާއި ނެދަލޭންޑްސް އަދި ޖަރުމަން ފަދަ ގައުމުތަކުން ބޭރުކޮށްލުމުންނެވެ.