Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

އާބާދީގެ 14.6 ޕަސެންޓްގެ އަސާސީ ތައުލީމެއް ނެތް!

ސްކޫލެއްގައި ދަރިވަރުންތަކެއް.

ރާއްޖޭގެ އާބާދީގެ 14 ޕަސަންޓަށް ވުރެ ގިނަ މީހުންނަކީ އަސާސީ ތައުލީމު ނެތް މީހުން ކަމަށް ހެލްތު މިނިސްޓްރީން ހެދި ސާވޭއަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާންމުކުރި "ސްޓެޕް ސާވޭ މޯލްޑިވްސް 2020-2021" ގެ އިން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ 14.6 ޕަސެންޓް މީހުންގެ އަސާސީ ތައުލީމެއް ނެތެވެ. އަދި ސާވޭގައި ބައިވެރިވި 8.24 ޕަސެންޓް މީހުންނަކީ ހަމައެކަނި ފަށާ ތައުލީމުގެ މަރުހަލާ ފުރިހަމަކޮށްފައިވާ މީހުންނެވެ.

ސާވޭގައި ބުނެފައިވާ ގޮތުގައި 18.65 ޕަސެންޓް މީހުން ދަށު ސާނަވީ ތައުލީމު ހާސިލްކޮށްފައިވާ އިރު، ސާނަވީ ތައުލީމު ހާސިލްކޮށްފައި ވަނީ 37.84 ޕަސެންޓް މީހުންނެވެ. ސާވޭއިން ދައްކާ ގޮތުގައި 7.26 ޕަސެންޓް މީހުން މަތީ ސާނަވީ ތައުލީމު ހާސިލްކޮށްފައިވާއިރު، 10.8 ޕަސެންޓަކީ ޑިގްރީ ފެންވަރުގެ ސަނަދު ހާސިލްކޮށްފައިވާ މީހުންނެވެ.

ނަމަވެސް ރާއްޖޭގައި ޑިގްރީ އަށް ވުރެ މައްޗަށް ކިޔަވާފައި ވަނީ އެންމެ 2.63 ޕަސެންޓް މީހުން ކަމަށް ވެސް ސާވޭ އިން ދައްކަ އެވެ.