Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އެލްޖީއޭ ރައީސް ނާޒިމް އައްޑޫ ކައުންސިލާއި ބައްދަލުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ 5 ވަނަ އަހަރީ ދުވަހާއި ސިފައިންގެ 122 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށްފަހު ނާޒިމް ކައުންސިލާއި ބައްދަލު ކުރީ މިއަދު މެންދުރު ފަހުއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ނާޒިމްގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކައުންސިލަށް ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ވާހަކައެވެ.

އަދި މިކަންކަމަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ވެހިކަލްތަކުން ނަގާ ފީ އާއި އަދި އެހެނިހެން ފީ ތަކުން ލިބޭ ފައިސާ މިރާއަށް ޖަމާ ނުކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވިކަމަށެވެ.

"ނާޒިމް ވިދާޅުވި މިރާއަށް ބައެއް ކަހަލަ ފީތަކުގެ ފައިސާ ނުލިބޭ ވާހަކަ، އަޅުގަނޑުމެން ކައުންސިލުން ދެންނެވިން ގާނުނުގައި ބުނެފައިވާ އެއްވެސް ފައިސާއެއް ކައުންސިލަށް ނުލިބޭކަމަށް، އެގޮތުން އެފީތަކަކީ ކައުންސިލަށް ލިބޭއެއްޗެއްގެ ގޮތުގައި ގަނޫނުގައި ވާ ކަމަށް"

ސޯބެ ވިދާޅުވީ މީރާއަށް ޖަމާ ކުރަންޖެހޭ ފައިސާގެ ކަންކަންވެސް ސަރުކާރުގެ ތެރެއިން ހައްލުކޮށް ދެއްވާނެކަމަށް ނާޒިމް ވިދާޅުވިކަމަށެވެ.

މިއަދުގެ ބައްދަލު ވުމަށް ފަހު ނާޒިމް ވިދާޅުވީ ކައުންސިލާއި އެކު ބޭއްވިގެން ދިޔައީ ވަރަށް ކާމިޔާބް ބައްދަލުވުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް ނާޒިމް އައްޑޫއަށް ވަޑައިގެން ކައުންސިލް އުވާލާނެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ.