Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

މަސްވެރިން ހެދީ ދޮގު: ހޮރައިޒަން

ކިރާ މަހަށް ގަވައިދުން ފައިސާ ނުދޭ ކަމަށް ބުނެ ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަަސްވެރިންތަކެއް އިއްޔެ އިހުތިޖާޖުކުރީ ކުންފުނީގެ ބަދުނާމުކޮށް، އަގު ވައްޓާލަން ކަމަށް މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ހިންގާ ހޮރައިޒަން ފިޝަރީޒް އިން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މާންދު އަށް ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭ ކަމަށެވެ.

"މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަން ފާހަގަކުރަން.." ބަޔާނުގައި ބުންނެވެ.

ހޮރައިޒުން ބުނި ގޮތުގައި މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގުތަކަށް މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެއީ އަމިއްލަ ކުންފުންޏަކަށްވާތީ ކަމަށް ބުންޏެވެ. އަދި އެކި ކަންކަމާ ހުރެ މަސް ގަތުމުގެ އިންތިޒާމު މިހާރަށް ވުރެ ފަސޭހަކޮށް މަސްވެރިންނަށް ހަމަޖައްސައިނުމަށް ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެެ.

"މަސްވެރިންނާއި އަދި މި އިންޑަސްޓްރީ އަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މި ކުންފުނިން، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުން،" ހޮރައިޒުން ބުންޏެވެ. "މި ކުންފުނީގެ މާންދޫ ފިޝަރީޒް ކޮންޕްލެކްސް އަށް މަސްކިރާ ދޯނިތަކާއި މަޝްވަރާކޮށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މި ދަނީ މަސައްކަތް ކުރަމުން."

ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހޮރައިޒުން ބުނީ މަސްވެރިކަމަކީ ދުނިޔޭގެ މަޝްރަހުގައި ހިނގަމުންދާ އެކި ކަންކަމަށް ބަރޯސާވެފައިވާ ސިނާއަތަކަށްވުމާ އެކީ ދުނިޔޭގެ އިގްތިސާދީ ހާލަތާއި ބޭނުންކުރާ ތަކެތީގެ އަގާއި ދުނިޔޭގެ މާކެޓްގެ ވާދަވެރިކަން ވެސް ހިމެނޭ ކަމަށެވެ. އެހެންވެ މިވަގުތު ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މިކަމާ ގުޅިގެން ރާއްޖޭގެ މަހަށް ދެކޮޅު ޖެއްސޭ ފަދަ އަދަދެއް ނުލިބޭތީ މި ސިނާއަތުގައި ހިމެނޭ ރާއްޖޭގެ ޕްރައިވެޓް ކުންފުނިތައް ހިންގަން ދަތިވެފައިވާ ކަމަށް ބުންޏެވެ.

"މަހުގެ އަގާއި ދަތުރު ފަތުރާއި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ކުންފުނި ހިންގަމުން މި ދަނީ އިންތިހާއަށް ބޮޑު ގެއްލުމުގައި،" ބަޔާނުގައި ބުންޏެވެ. "ނަމަވެސް މަސްވެރިންނާއި އާއިލާތަކުގެ ހެވާ ލާބައަށްޓަކައި އަދި ދިވެހި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި މި ކުންފުނިން މިދަނީ ވަރަށް ބޮޑު ގުރުބާނީއެއްވަމުން."

އެހެންވެ މަސްވެރިންނާ އެކީ އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މަސްވެރިން އިއްޔެ މަސައްކަތްކޮށްފައި ވަނީ އާންމުންގެ ފަރާތުން އެ ކުންފުންޏަށް ލިބުނު ލޯބި ފަނޑުކޮށްލުމަށެވެ. އަދި ކުރިން ވެސް މިފަދަ ކަންކަން ސޯޝަލް މީޑިއާގައި އެކި ފަހަރު ކޮށްފައިވާ ކަމަށް ބުންޏެވެ. އެހެންވެ އިއްޔެ އިހުތިޖާޖަކީ ހަގީގަތް އޮޅުވާލުމަށް ހިންގާފައިވާ ނާތަހުޒީބު އަމަލެއް ކަމަށް ހޮރައިޒުން ބުންޏެވެ.