ރާއްޖެ އަށް ގެންނަ ބިދޭސީން ރާއްޖޭ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިރުޝާދު ދޭން އެ މީހުން ގެންނަ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުން އަންނަ އިރު، ޓޫރިސްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ޒިޔާރަރަތްކުރާ ކަމަށެވެ. އެހެންވެ އެފަދަ މީހުން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަ އަމަލުކުރުމަށް އިރުޝާދު ދިނުމަކީ މުހިއްމ ކަމެއް ކަމަށް ބުންޏެވެ.
އެގޮތުން ކައުންސިލްތަކުން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވެސް އިސްލާމިކް މިނިސްޓްރީން އެދިފައިވެ އެވެ.
މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގައި އުޅޭ އައިރު މުސްލިމުންނާއި ރާއްޖެ އަށް ޒިޔާރަތްކުރާ އައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން ދީނީ ހަރަކާތްތައް ހިންގުމާއި އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އެހެންވެ ރާއްޖޭގެ އާންމު އެއްވެސް ތަނެއްގައި އިސްލާން ދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. އަދި އެއާ އެކީ މީހުން ދިރިއުޅޭ ރަށްރަށުގައި ދިރިއުޅޭ އިރު ޓޫރިސްޓީން ގެސްޓް ހައުސް ހިންގުމާ ބެހޭ ގަވާއިދާ އެއްގޮތަށް އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް އެ ފަރާތްތަކަށް އިރުޝާދު ދޭން ޖެހޭނެ އެވެ.
"އެހެންކަމުން ރާއްޖޭން ބޭރުން މީހުން ގެންނަ ފަރާތްތަޖުން މި މައުލޫމާތު އެ ފަރާތްތަޖަށް ސާފުކޮށްދީ އިރުޝާދު ދޭން ދަންނަވަމެވެ." މިނިސްޓްރީގެ ސާޖިއުލާގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ އަންގާފައި މި ވަނީ މީގެ ދުވަސްކޮޅެއް ކުރިން އައްޑޫގެ މަގު ހަދާ އިންޑިއާ ކުންފުންޏެއްގެ ހިންދޫ ދީނުގެ ބަޔަކު، އެ މީހުންގެ ދީނީ ޝިއާރައެެއް ފާޅުކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ބިދޭސީން އެ މީހުންގެ ދީނީ ޝިއާރުތައް އާންމުކޮށް ފާޅުކުރާ މައްސަލަތައް އިތުރުވެފައިވެ އެވެ.