މެދުވަލު އެފްސީން މިއަދު ސެމީ ފައިނަލަށް ނުކުންނާނީ ފޭދޫ ޓީމަކީ ތަޖުރިބާކާރު ޓީމެއްކަން ދަނެގެން އެކަމަށް ތައްޔާރުވެގެން ކަމަށް މެދުވަލު އެފްސީން ބުނެފި އެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ މެދުވަލު އެފްސީ ނުވަތަ މައިލޯ ޓީމާއި އަދި ފޭދޫ ސްޕޯޓްސް އެވެ. މި މެޗަށް މެދުވަލު އެފްސީ ނުކުންނަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ފޭދޫ ސްޕޯޓްސް ނުކުންނަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
މެޗާ ގުޅޭ ގޮތުން މެދުވަލުގެ އެފްސީގެ ކޯޗު އަހުމަދު އަޒްމީން ބުނީ ފޭދޫ ޓީމާ ދެކޮޅަށް ނިކުންނާނީ އެ ޓީމަކީ ތަޖުރިބާ ހުރި ޓީމެއްކަން ދަނެގެން ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އަދި މެދުވަލު އެފްސީ ފޭދޫ ޓީމަށް ދޭން ޖެހޭ ރެސްޕެކްޓް ދޭނެ ކަމަށާއި ނަމަވެސް މެޗަށް ނިކުންނާނީ މޮޅުވެގެން ފައިނަލުގައި ކުޅެން ކަމަށް އޭނާ ބުންޏެވެ.

މެދުވަލު އެފްސީ ސެމީ އަށް ދަތުރުކުރީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުތަކުގައި އެ ޓީމުން ގިނަ ލަނޑުތަކެއް ވެސް ވަނީ ޖަހައިފަ އެވެ. އެގޮތުން ފުރަތަމަ މަރަދޫފޭދޫ އެފްސީ އަފިރިންނާ ބައްދަލުކޮށް އެ 0-10 އިން އެ މެޗު ކާމިޔާބުކުރި އެވެ. އެ ޓީމު ދެން ބައްދަލުކުރީ މަރަދޫ ޓީމާ އެވެ. އެ ޓީމާ ބައްދަލުކޮށް 0-3 އިން މެޗު ވަނީ ނަގައިފަ އެވެ. އެ ޓީމު ކުޅުނު ފަހު މެޗު ފޭދޫގެ ޒުވާން ޓީމު ފާހި ސްޕޯޓްސްއާ ބައްދަލުކޮށް ކާމިޔާބުކުރީ 2-7 ގެ ނަތީޖާއިންނެވެ.
މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސް ބައްދަލުކުރާ މެޗު ފަށާނީ ހަވީރު 3:45 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގަ އެވެ. މި މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދިއުމަކީ އެ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.