މާލޭގައި ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެނުގަނެވި އޮތް މީހާއަކީ ކާކުކަން ދެނެގަނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާއަކީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރިއަށާއި އެމްބަސީތަކަށް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ގަރާޖެއްގައި ރޯވެ، އަލިފާންގަނޑު އެ އިމާރާތުގެ ދެ ބުރިއަކަށް ފެތުރިގެންދިޔަ ހާދިސާގައި 10 މީހަކު ނިޔާވެ އެކަކު އޮތީ ކްރިޓިކަލް ހާލަތުގައެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 3 އަންހެނަކާއި، އިންޑިއާގެ 5 ފިރިހެނެއްގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން ބުނެފައިވަނީ ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް ފޮރިން މިނިސްޓްރީއާއި އެ ގައުމެއްގެ އެމްބަސީ ގުޅިގެން ފުލުހުން ކުރަމުންގެންދާ ކަމަށެވެ.