Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޓްވިޓާގެ ހަސަން ކުރުސީއަކީ އަޅުގަނޑެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އަދި މެމްބަރު ރޮޒައިނާ އާދަމް--

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ އެމަނިކުފާނު ހިންގަވާ އެކައުންޓެއް ނޫންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިމިވަނީ، ހަސަން ކުރުސީގެ ނަމުގައި ޓްވިޓާ އެކައުންޓެއް ގެންގުޅުއްވަނީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަން މިހާރު ވަރަށް ސާފުކޮށް ފަޅާއަރައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރައްވާފައިވަނިކޮށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގައި އުޅޭ ހިޔާލީ ޝަޚުސެއް ކަމަށެވެ. ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަމަށް ދަންނަވަން އުނދަގޫ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ހަސަން ކުރުސީގެ ނަމުގައި ސޯޝަލްމީޑިއާގައި އެކައުންޓް ހިންގަނީ އެމަނިކުފާނު ނޫންކަމަށް ވިދާޅުވެފައެވެ.

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓް ހިންގަނީ ރައީސް ނަޝީދު ކަމަށް ރޮޒަައިނާ ތުހުމަތު ކޮށްފައިވާއިރު، ސޯޝަލްމީޑިއާގައި އެމްޑީޕީގެ އެހެން މެމްބަރުންނާ ރޮޒައިނާއާ ދެމެދު އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.