އެމްއެންޑީއެފް ސަދަން އޭރިއާ އަށް ފަސް އަހަރު ފުރުމާއި، ސިފައިންގެ 122 ވަނަ އަހަރި ދުވަސް ފާހަނގަ ކުރުމަށް މިއަދު ހަވީރު ބޭއްވި 5 ކިލޯމިޓަރު ދުވުން ސ. މަރަދޫ، ވަހަރީ، ހުސެއިން ވިފާޤް ކާމިޔާބްކޮށް އެވެ.
އައްޑޫގެ ސްކޫލްތަކާއި އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ދުވުން ފެށުނީ މަރަދޫ ބޯޅަ ދަނޑުންނެވެ. ދުވުން ފެށުމުގެ ކުރިން ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަނީ ބައިވެރިންނާއި މުހާޠަބްކޮށް ވާހަކަފުޅު ދައްކަވާފައެވެ.
ނާޒިމް ވިދާޅުވީ ސަދަން އޭރިއާއިން އިންތިޒާމް ކުރި ދުވުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި އާއްމު ރައްޔިތުންނާއި ގުޅިގެން މިފަދަ އިވެންޓެއް އިންތިޒާމް ކުރެވުނީތީ އުފާކުރާކަމަށެވެ. އަދި ހުރިހާ އެންމެންވެސް ހަށިހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުން މުހިއްމު ކަމަށެވެ.
މި ދުވުމުގެ ފިރިހެނުންގެ ބައިން ދެވަނަ އަށް ގޮސްފައިވަނީ ފޭދޫ ސްކޫލްގެ، އައިމަން ޒާހިރު، ނިޔަދުރުގެ، ސ.ފޭދޫއެވެ. ތިންވަނަ ލިބުނީ ފޭދޫ ސްކޫލްގެ އިއްތިސާމް މުހައްމަދު، ހަވީރީ ނާޒް، ސ.ފޭދޫއެވެ.
ދުވުމުން އަންހެނުންގެ ބައިން އެއްވަނަ ހާސިލް ކުރީ ފޭދޫ ސްކޫލްގެ އައިޝަތު ޝާނީ އަހްމަދު، ހުދުވެލި، ސ.ފޭދޫއެވެ. ދެވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ ދަރިވަރު ހިތަދޫ، ޑިސެމބަރުގޭ ޝިފާ އިބްރާހިމްއެވެ. ތިން ވަނަ ލިބުނީ ފޭދޫ މުތީގެ، މަރިޔަމް ހަމީދާއަށެވެ.
މި ދުވުމުން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް މޯލްޑިވިއަންއިން ރާއްޖޭގައި ދަތުރުކުރާ ކޮންމެވެސް އެއް ތަނަކަށް ދިއުމަށް ދެކޮޅު ޓިކެޓް ވަނީ ހުށަހަޅާފައެވެ. އަދި ދެވަނަ ތިންވަނަ އަށް ފައިސާގެ އިނާމް ވަނި ހުށަހަޅާފައެވެ.
ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް ދިނުމަށްފަހު ސަދަން އޭރިއާ ކޮމާންޑް ކާނަލް ވައިސް ވަހީދު ވިދާޅުވީ މި ދުވުން މިހަ ފުރިހަމަ ގޮތެއްގައި ނިންމާލެވުނީ ސްޕޮންސަރުންނާއި، ސްކޫލްތަކާއި އާއްމު ރައްޔިތުންގެ ސަޕޯޓާއި އެކު ކަމަށެވެ. އެހެންވެ އަންނަ އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މެރަތަން އައްޑޫގައި ބޭއްވުމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން މަސައްކަތް ކުރާނެކަމަށެވެ.