މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހިގެން މަސްވެރިން އެތަނުގައި ކުރަމުން އަންނަ މުޒާހަރާ މިއަދުވެސް ކުރިއަށް އެބަގެންދެއެވެ.
އިއްޔެ ހެނދުނު 8:30 ގައި ލ. މާންދޫގައި ފެށި އެ މުޒާހަރާ މިއަދުވެސް ކުރިއަށްގެންދާއިރު، އެސަރަހައްދުގައި ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މުޒާހަރާ ކޮންމެވެސް ވަރަކަށް ހޫނުވެ، ފުލުހުން ވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ. އެގޮތުން މަސްވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.
މަސްވެރިންނަށް ފައިސާ ނުދޭތާ މަހެއްހާ ދުވަސްވުމާ ގުޅިގެން މަސްވެރިން އިހުތިޖާޖަށް ނުކުމެފައިވާއިރު، މި އިހުތިޖާޖުގައި 22 ވަރަކަށް ދޯނީގެ މަސްވެރިން ބައިވެރިވަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.
މަހަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ބުނެ މަސްވެރިން އިހުތިޖާޖު ކުރަމުން އަންނައިރު، މިކަމާ ގުޅިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގާ ހޮރައިޒަން ފިޝަރީޒް އިން ބުނެފައިވަނީ، އެ އިހުތިޖާޖަކީ ކުންފުނި ބަދުނާމުކޮށް، އަގު ވައްޓާލަން ކުރާ ކަމެއް ކަމަށެވެ. އަދި ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭ ކަމަށެވެ.