އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗަށް ފޭދޫ ސްޕޯޓްސް މިއަދު ނުކުންނާނީ ފުރިހަމަ އަށް ތައްޔާރުވެ ސީދާ ތަށި ދިފާއުކުރުމަށްޓަކައި ފައިނަލްގެ ޖާގަ ކަށަވަރު ކުރަން ކަމަށް އެ ޓީމުން ބުނެފި އެވެ.
ފޭދޫ ސްޕޯޓްސް އަކީ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ވެސް މެ އެވެ.
މިދިޔަ މަހުގެ 29 ގައި ފެށި އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ އެވެ. މި މެޗަށް ފޭދޫ ސްޕޯޓްސް ނުކުންނަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި މެދުވަލު އޮތީ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގަ އެވެ.
މިއަދުގެ މެޗާ ގުޅޭ ގޮތުން ފޭދޫ ޓީމުގެ ކޯޗު އިބްރާޙިމް ނިޒާރު (ޗޮހޮޑާ) ބުނީ ޓީމު ސެމީ ފައިނަލް މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މެދުވަލު ޓީމަކީ ތަޖުރިބާކާރު ކުޅުންތެރިން ތިބި ޓީމެއްކަން ދަނެގެން ނުކުންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި ފޭދޫ މެޗަށް ނުކުންނާނީ ތަށި ދިފާޢުކުރުމަށް ފައިނަލަށް ދާން ތައްޔާރުވެގެން ކަމަށް ވެސް ކޯޗް ބުންޏެވެ.
ޗޮހޮޑާ ސިފަކުރި ގޮތުގައި ގޮތުގައި ދެ ޓީމަކީ ވެސް ހަމަހަމަ ދެ ޓީމެވެ.

ފޭދޫ ޓީމު ސެމީ އަށް ދިޔައީ 9 ޕޮއިންޓާ އެކީ ގްރޫޕުގެ ދެވަނައިގެ ގޮތުގަ އެވެ. އެއީ ގްރޫޕްގެ އެއް ވަނަ ހޯދި ބޭރުމައްޗާ ގޯލު ތަފާތަކުންނެވެ. ބޭރުމައްޗާއި ފޭދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމް 2-3 އިން މޮޅުވެފައިވެ އެވެ. އަދި ކްލަބް ލޮތާރިއާ ކުޅެ ފުރަތަމަ މެޗުން 2-5 ގެ ނަތީޖާއިން މޮޅުވި އެވެ. ނަމަވެސް އެ ޓީމު ބޭރުމައްޗާ އެކީ ކުޅުނު ދެވަނަ މެޗުން 1-2 އިން ބަލިވިއެވެ. ޓީމު ދެން ލޮތާރިއާ އެކީ ކުޅުނު ދެވަނަ މެޗުން މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ.
ފޭދޫ ޓީމާއި މެދުވަލު އެފްސީ ބައްދަލު ކުރާ މެޗު ފަށާނީ ހަވީރު 3:45 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގަ އެވެ. މި މެޗަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދިއުމަކީ އެ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.