ދަރިފުޅު އާރާވް ކުމާރުގެ ޝައުގުވެރިކަން ފިލްމީ ދާއިރާ އަށް އެއްވެސް ވަރަކަށް ނެތް ކަމަށް އެކްޓަރު އަކްޝޭ ކުމާރު ބުނެފި އެވެ.
ހިންދުސްތާން ޓައިމްސް ލީޑަޝިޕް ސަމިޓްގައި އިއްޔެ ބައިވެރިވެ އަކްޝޭ ދެއްކި ވާހަކަތަކުގެ ތެރޭގައި 20 އަހަރުގެ ދަރިފުޅާ ބެހޭ ބައެއް ވާހަތައް ހިއްސާކުރި އެވެ. އޭނަ ބުނި ގޮތުގައި އާރަވް ފިލްމުތަކަށް ލޯބި ޖެއްސޭތޯ އަމިއްލަ ފިލްމުތައް ދައްކަން މަސައްކަތްކުރުމާއި ފިލްމީ ވާހަކަތައް ކިޔައިދޭން އުޅުނަސް އެއްވެސް ވަރެއްގެ ޝައުވެރި ކަމެއް ނުދެ އެވެ.
އަކްޝޭ ސިފަކުރި ގޮތުގައި އާރާވް އުޅެނީ އަމިއްލަ ދުނިޔެއެއްގަ އެވެ.
"އޭނަ ބޭނުންވޭ ކިޔަވަން. އަދި ފެޝަން ޑިޒައިނިން އަކީ އޭނަ ކުރިއަށް ދާން ވަރަށް ބޭނުންވާ ދާއިރާއެއް ކަމަށް ފެންނަނީ." ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުންޏެވެ.
އޭނަ ބުނީ ދަރިފުޅު ފިލްމީ ދާއިރާ އަށް ޝައުގުވެރިކަން ނުދޭތީ އެކަމަށް ވަކި ޕްރެޝަރެއް ނުކުރާ ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ.
"އާރަވް ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދާން އަބަދު ވެސް ހިތްވަރު ދޭނަން." އަކްޝޭ، 55، ބުންޏެވެ.
އާރަވް އަކީ އަކްޝޭ އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ހަގަށް ހުންނަނީ ނިތާރާ ކުމާރު، 10، އެވެ. މަޝްހޫރު ތަރިން ކަމަށްވާ ކުރީގެ ސްޕަސްޓާރު ރާޖޭޝް ކަންނާ އާއި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ދަރިފުޅު ޓްވިންކަލް އަކީ ވެސް ކުރިން ބަތަލާއެކެވެ. އެކަމަކު 2001 ގައި އަކްޝޭއާ ކައިވެނިކުރި ފަހުން އޭނަ ވަނީ ފިލްމު ކުޅުން ހުއްޓާލައިފަ އެވެ.
ޓްވިންކަލް އަކީ އިންޓީރިއާ ޑިޒައިނެއްގެ އިތުރުން ލިޔުންތެރިއެކެވެ. އޭނަ ބައެއް ފޮތްތައް ވެސް ނެރެފައިވާ އިރު، މިހާރު އަންނަނީ އިނގިރޭސިވިލާތުގައި ވާހަކަ ލިޔަން ދަސްކުރާ ކޯހެއް ވެސް ހަދަމުންނެވެ. ޓްވިންކަލް ވެސް ބުނެފައިވާ ގޮތުގައި ދަރިންނަށް އަބަދު ވެސް ބޮޑު މިނިވަންކަމެއް އޮންނާނެ އެވެ. އެހެންވެ ކުދިން ކުރިއަށް ދާން ބޭނުންވާ ކޮންމެ ދާއިރާއަކުން ކުރިއަށް ދާން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ބުންޏެވެ.