ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސްޓެލްކޯގެ ޗައިލްޑް ކެއާ ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާ އެކީ ވަގުތުކޮޅެއް ހޭދަކުރައްވައިފި އެވެ.
ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަރ ހުޅުވީ ފައިވަނީ އެ ކުންފުނީގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ. އެތަން ގާއިމުކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގަ އެވެ. މިތަނަކީ އުމުރުން 5-10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ.

ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރު ވެސް 33 ކުދިން ރެޖިސްޓަރކޮށްފައިވެއެވެ. ސެންޓަރުގައި ޚިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްޞަ ތަމްރީންތައް ލިބިފައިވާ ޤާބިލް މީހުންނެވެ. އަދި އެ ސެންޓަރު ފަރުމާކޮށްފައި ވަނީ ކުދިންނާ ރައްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަށެވެ.