Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ރައީސް ވަނީ ކޮރަޕްޝަން މެދުއުޑަށް ގެންދަވާފައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ވައްކަމާއި ކޮރަޕްޝަން މެދުއުޑަށް ގެންގޮސްފައިވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުން ފަހަކަށް އައިސް މި ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް ގޮސްފައިވާ ކަމަށް ބުނެ ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ތެރޭގައި ދެކެވޭ އެ ވާހަކަތަކަށް އެއްބަސްވެވޭ ކަމަށެވެ. އަދި އެކަމަށް އެއްބަސްވެވުމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރުން ނޫން ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"ނަޝީދަށް ތާއީދުކުރަނީކީ ނޫން. އެކަމަކު އެމްޑީޕީ ތެރޭގައި ރައީސް ސޯލިހަކީ ވައްކަމާއި ކޮރަޕްޝަން މެދުއުޑަށް ގެންދިޔަ ފަރާތްކަމަށް އެ ޕާޓީގެ މެމްބަރުން ބުނުމުން ނަޝީދަށް އިންޒާރުދޭ ފަރާތްތައް އެދުވަހު ހަނު." އޭނާ ވިދާޅުވި އެވެ. "ރައީސް ސޯލިހު އިބޫގެ ކޮރަޕްޝަން/ނާގާބިލްކަން ހާމަކުރާ އެމްޑީޕީ މެމްބަރުންނަށް ސާބަސް."

ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން މިހާރަކަށް އައިސް ގެންދަނީ ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އަދި ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަށް ވެސް ވަރަށް ގިނަ މެމްބަރުން ފާޑު ވިދާޅުވެ، އެކަން ހުއްޓާލެއްވުމަށް ގޮވާލާފައިވެ އެވެ.