Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އައްޑޫން އީ-ޕާސްޕޯޓް ހަދަން ފަށަނީ

އަންނަ ޖޫން މަހުން ފެށިގެން އައްޑޫން އީ- ޕާސްޕޯޓްގެ ހިދްމަތް ލިބެން ފަށާނެކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ ވިދާޅުވީ އީ ޕާސްޕޯޓް ހެދުމަށް އިމިގްރޭޝަނަށް ބިމެއް ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފުރަތަމަ ޕާސްޕޯޓް ހެދުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގައި މިހާރުވެސް އިމިގްރޭޝަނުން ހިދްމަތްދޭ ބައިގަކަމަށެވެ.

ސޯބެ ވިދާޅުވީ ޕާސްޕޯޓް ދޫކުރުމާއި ގުޅޭ ކަންކަމުގައި ޑިފެންސް މިނިސްޓަރ ނާޒިމް ކައުންސިލާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެމަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިއުމަކުން އެދިފައި އެބައޮތް އިމިގްރޭޝަނަށް ވަކި ބިމެއް ހަމަޖައްސަން، އެކަމަކު މިވަގުތު ހިދްމަތް ދިނުމަށް ނިންމާފައިވަނީ ކައުންސިލް އިދާރާގައި، ކައުންސިލްގެ ވިސްނުން ހުރީ އިމިގްރޭޝަނަށް މިހާރު ހުރި ސްޕޭސަށް ވުރެ ވުރެ ބޮޑު ސްޕޭސްއެއް ތަނަވަސްކޮށްދިނުން، އެކަން ކައުންސިލުން ކުރާނެ"

އައްޑޫން ޕާސްޕޯޓްގެ ހިދްމަތް ހޯދުމަށް އެތައް ބަޔަކު ދަނީ އެދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ޕޯސްޓް އޮފީސް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނަން އީ ޕާސްޕޯޓާއި އިމެޖެންސީ ސެތްފިކެޓް ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.