އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަހު ޖާގަ ވަރުގަދަ މެދުވަލު އެފްސީ ބަލި ކުރުމަށްފަހު ފޭދޫ ސްޕޯޓްސްއިން ކަށަވަރުކޮށްފިއެވެ.
މިމެޗުން ފޭދޫ ސްޕޯޓްސް ކުރި ހޯދީ، 1-2 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއާއެކު މިމުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗުވެސް ނިމިގެން ގޮސްފައިވާއިރު، ފައިނަލުގައި ބައްދަލު ކުރާނީ އެފްސީ ބޭރުމަތި އަދި ފޭދޫ ސްޕޯޓްސްއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ސެމީ ފައިނަލުގެ ދެވަނަ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މެޗުގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން ޑިފެންސްކޮށް ކުރިއަށް ރަނގަޅު ބޯޅަތަކެއް ފޮނުވާލުމަށް ދެ ޓީމުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިހާފުގެ ބޮޑު ބައިގައި، ދެ ޓީމުން ކުރެ ޓީމަކަށް އަނެއް ޓީމުގެ ގޯލު ފޫ އަޅުވާ ނުލެވެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ފޭދޫ ޓީމުގެ އަލީ ލިރުޢާމްއެވެ. މި ލަނޑާއެކު މިހާފު ފޭދޫ ނިންމާލީ ހިތްހަމަޖެހުމަަކާއެކުއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ފޭދޫ ޓީމުން ލިބިފައި އޮތް ލީޑު ފުޅާކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ދިޔައިރު، މެދުވަލު ޓީމުގެ ހަމަލާތައް ދިޔައީ ވަރުގަދަ ކުރަމުންނެވެ. ނަމަވެސް މިހާފުގައި މެދުވަލު ޓީމުގެ ހިތް ނުތަނަވަސް ކޮށްލީ ފޭދޫ ޔޫސުފް ސިދާމް 59 ވަނަ މިނެޓުގައި ޖެހި ލަނޑާއެކުއެވެ.
މިމެޗު ބެލުމަށް ދެ ޓީމުގެ ވެސް ގިނަ އަދަދެއް ސަޕޯޓަރުން ދަނޑަށް ހާޒިރުވިއިރު، މެޗުގެ ވާދަވެރިކަމާއި އެކު ސަޕޯޓަރިންގެ ފޯރިވެސް ވަރަށް ގަދައެވެ. މެޗުގެ ދެވަނަ ހާފުގައި މައިލޯ ޓީމުގެ ހަމަ އެކަނި ގޯލު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝަމްވީލް ޤާސިމް(ބޮންޑާ) އެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ކުޅެން ދިން ވަގުތުގެ ތެރޭގައެވެ. މިމެޗު ނިމިގެން ދިޔައީ މި ނަތީޖާއާއި އެކުއެވެ.

މި މުބާރާތުގައި އެފްސީ ބޭރުމަތި އަދި ފޭދޫ ސްޕޯޓްސް ބައްދަލު ކުރާ މެޗު އޮންނާނީ މިމަހުގެ 16 ވާ ބުދަ ދުވަހު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ. މިމެޗުގައި ފަށާނީ 3:45 ގައެވެ.
މިއީ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ 3 ވަނަ މުބާރާތަށްވާއިރު، އެންމެ ފުރަތަމަ މުބާރާތް ކާމިޔާބު ކޮށްފައިވަނީ އެފްސީ ބޭރުމަތިއެވެ. އަދި މިދިޔަ އަހަރު ނިމިގެން ދިޔަ ދެވަނަ މުބާރާތް ކާމިޔާބު ކުރީ ފޭދޫ ސްޕޯޓްސްއެވެ. މި މުބާރާތުގައި މި ދެ ޓީމު ދެފަހަރު ކުޅެފައިވާއިރު ފުރަތަމަ މެޗު ފޭދޫ ވަނީ ކާމިޔާބުކޮށްފައެވެ. މި ދެޓީމު ބައްދަލު ކުރި ދެވަނަ މެޗު ކާމިޔާބު ކުރީ އެފްސީ ބޭރުމަތިއެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.