Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ޔުނައިޓެޑުން އަހަންނަށް ބޭވަފާތެރިވެއްޖެ: ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑުން އޭނާ އަށް ބޭވަފާތެރިވެފައިވާ ކަމަށް އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްްޑޯ ބުނެފި އެވެ.

މިދިޔަ ޓްރާންސް މާކެޓުގައި ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ މަސައްކަތް ކުރި ނަމަވެސް އެކަން އޭނާ އަށް ކާމިޔާބުވެފައެއް ނުވެ އެވެ. މި ސީޒަނުގައި ރޮނާލްޑޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ އިރު 16 މެޗުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ތިން ގޯލެވެ.

ރޮނާލްޑޯ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޔުނައިޓެޑްގެ ކޯޗު އެރިން ޓެން ހާގް އާއި އެ ކްލަބުގެ ބައެއް އިސްވެރިން އޭނާ ގަދަކަމުން ޔުނައިޓެޑުން ބޭރުކޮށްލަން މަސައްކަތްކޮށްފައިވާ ކަމަށާއި މިހާރު ކުރެވެނީ ބޭވަފާތެރިވެފައިވާ ކަމުގެ އިހުސާސެއް ކަމަށެވެ.

"ބޭވަފާތެރިވެފައިވާ ކަމުގެ އިހުސާސެއް ކުރެވެނީ. ބައެއް މީހުން ބޭނުމެއް ނުވޭ އަހަރެން މި ކްލަބުގައި ހުންނާކަށް. މިއަހަރު އެކަންޏެއް ވެސް ނޫން މިދިޔަ އަހަރުވެސް އެގޮތަށް އެކަން ކުރަން ބޭނުންވި." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ މި އިންޓަވިއުގައި ޔުނައިޓެޑްގެ ކޯޗު ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށްވެސް ބުނެފަ އެވެ.

"އަހަރެން އޭނާ އަށް އިހުތިރާމް ނުކުރަނީ އޭނާ ވެސް އަހަންނަށް އިހުތިރާމް ނުކުރާތީ. އަހަންނަށް ނުކުރި އިހުތިރާމެއް އަހަރެން ވެސް ނުކުރާނަން." 37 އަހަރުގެ ރޮނާލްޑޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ ބުނީ ސަޕޯޓަރުންނަށް ކަމުގެ ހަގީގަތް އެނގެންޖެހޭ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ޔުނައިޓެޑަށް ރަނގަޅު ގޮތްވުން ކަމަށެވެ. އަދި ޔުނައިޓެޑަށް އައީ ވެސް އެ ސަބަބާއި ހުރެ ކަމަށާއި ނަމަވެސް ޔުނައިޓެޑުން އެނބުރި ކުރިން އޮތް މަގާމަށް ދާން ބޭނުންވާ ނަމަ ކްލަބުގެ އެތެރޭގެ ގިނަ ކަންކަން ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގައި މޮޅު ކުޅުމެއް ރޮނާލްޑޯ ދެއްކިއިރު އޭނާ އަކީ އެޓީމަށް މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާ ވެސް މެ އެވެ. ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި 24 ގޯލް ކާމިޔާބުކޮށްފަ އެވެ.

ރޮނާލްޑޯ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ މާކެޓުގައި އޭނާ އެ ކްލަބު ދޫކޮށްލަން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.