Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

މިއީ ފަހު ވޯލްޑް ކަޕަށް ވެދާނެ: ނޭމާ

އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވެސް ފަހަރުގައި ވެދާނެ ކަމަށް ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ ބުނެފި އެވެ.

ނޭމާ ،30، ފާއިތުވި ދެ ވޯލްޑް ކަޕްގައި ވެސް ކުޅެފައިވާއިރު އޭނާ އަށް ބްރެޒިލްގެ ގައުމީ ޓީމާއެކު މިހާތަނަށް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައެއް ނުވެ އެވެ.

ބްރެޒިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ މިފަހަރު ވޯލްޑް ކަޕްގައި ކުޅޭނީ މިއީ ފަހު ވޯލްޑް ކަޕްގެ ގޮތުގައި ދެކިގެން ކަމަށާއި މިހާރު ކޮންމެ މެޗެއް ވެސް ކުޅެނީ އެއީ ފަހު މެޗުގެ ގޮތުގައި ދެކިގެން ކަމަށްވާއިރު މާދަމާ ވާނެ ގޮތް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ.

އިތުރު ވޯލްޑް ކަޕެއްގައި ކުޅޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށާއި ފަހަރުގައި މިއީ އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ނޭމާ ބުންޏެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ބަދަލުވާއިރު އާ ކޯޗަށް އޭނާ ކަމު ނުދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ނޭމާ ބުނެފައިވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ޓީޓޭ މަގާމުން ވަކިވާއިރު އޭނާ އަށްފަހު ދެން އެޓީމާ ހަވާލުވާނެ ފަރާތެއް އިއުލާންކޮށްފައެއް ނުވެ އެވެ.

ބްރެޒިލް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ. އަދި މި މުބާރާތާއި ބްރެޒިލުން ކުރިމަތިލަނީ ވެސް ފެވަރިޓުންގެ ގޮތުގަ އެވެ. ބްރެޒިލް އަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ 2002 ވަނަ އަހަރު އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް މިފަހަރު ލައްވާލާފައިވަނީ ސާބިޔާ، ސްވިޒަލޭންޑް އަދި ކެމަރޫންއާއެކު ގްރޫޕް ޖީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ބްރެޒިލް ބައްދަލުކުރާނީ ސާބިޔާއާ އެވެ.