ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމް ކުރާ ވާހަކަ އިނގިރޭސިވިލާތުގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޑުއާ ލީޕާ ދޮގުކޮށްފި އެވެ.
ޑުއާ ،27، އިންސްޓްގްރާމްގައި ބުނީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާ ޕާފޯމް ކުރުމާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވެމުންދާ ކަމަށާއި ނަމަވެސް އެ ރަސްމިއްޔާތުގައި އޭނާ ޕާފޯމް ނުކުރާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ވެސް ކުރެވިފައި ނުވާ ކަމަށް ޑުއާ ބުނެފައިވެ އެވެ.
ގަތަރަށް ދާން ދެކޮޅުކަން ހާމަކުރަން ޑުއާ ބުނީ އޭނާ ގަތަރަށް ދާނީ ވޯލްޑް ކަޕްގެ ބިޑް ކާމިޔާބު ކުރިއިރު ވައުދުވީ ގޮތަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުން ކަމަށްވެސް ބުނެފަ އެވެ.
މިވަގުތު ޓުއާއެއްގައި އޮސްޓްރޭލިއާގައި ހުރި ޑުއާ ވަނީ 2018 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ޕާފޯމްކޮށްފަ އެވެ.
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ އެއްގަޑިއިރު ކުރިންނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގަތަރާއި އިކުއެޑޯ އެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޭޕޮޕް މިއުޒިކްގެ އެންމެ މަޝްހޫރު ބޭންޑް ބީޓީއެސްގެ މެމްބަރު ޖަންގް ކުކްގެ ހުށަހެޅުމެއް ފެނިގެންދާނެ އެވެ. އަދި ވޯލްޑް ކަޕްގެ މެސްކޮޓް ވެސް ދައްކާލުމަށް ހަމަޖެހިފައިވާއިރު ފީފާ އިން މިހާތަނަށް ވަނީ ވޯލްޑް ކަޕްގެ ރަސްމީ ލަވައިގެ ގޮތުގައި ހަތަރު ލަވައެއް އާންމުކޮށްފަ އެވެ.
ޖުމްލަ 32 ޓީމު ވާދަކުރާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.