Last Updated: July 28, 12:06
Tuesday, July 28, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ފިލްމަށް އާ ނަމެއް، އާ ތާރީހެއް

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ޕްރިޔަންކާ ޗޯޕްޅާގެ އާ ހޮލީވުޑް ފިލްމުގެ ނަން އަނެއްކާ ވެސް ބަދަލުކޮށް، އެއަށް އާ ތާރީހެއް ވެސް ހަމަޖައްސައިފި އެވެ.

ޝޫޓިން ފެށި އިރު "ޓެކްސްޓް ފޯ ޔޫ" ގެ ނަން ދިން ފިލްމު ފަހުން "އިޓްސް އޯލް ކަމިން ބެކް ޓު މީ" އަށް ބަދަލުކުރި އެވެ. އަދި ފިލްމު ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގަ އެވެ. ފިލްމުގެ ނަން ދެވަނަ ފަހަރަށް ބަދަލުކޮށް މިހާރު ދީފައި އޮތް ނަމަކީ "ލަވް އެގެއިން" އެވެ. އަދި ސިނަމާތަކަށް ފިލްމު ދޫކޮށްލަން މިހާރު ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި 12 ގަ އެވެ.

މި ވާހަކަ ޕްރިޔަންކާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"ލަވް އެގެއިން" އަކީ ޖޭމްސް ސީ ސްޓްރައުސް ލިޔެ، ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ. މީގެ ލީޑް ކާސްޓުންނަކީ ޕްރިޔަންކާ އާއި ސޭމް ހިއުގަންގެ އިތުރުން މަޝްހޫރު ފިލްމު "ޓައިޓޭނިކް" ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" ގެ ލަވަކިޔުންތެރިޔާ ސެލީން ޑިއޯނެވެ. އިތުރު ކާސްޓުންގެ ތެރޭގައި ރަސަލް ޓޯވީ، ސްޓީވް އޯރަމް، އޮމިޑް ޖަލީލީ، ލީޑިއާ ވެސްޓް، ޝީލިއާ އިމްރީ ހިމެނެ އެވެ.

"ލަވް އެގެއިން" ގައި ހުނަރުވެރި އަދި ކާމިޔާބު ލަވަކިޔުންތެރިޔާ ސެލީންގެ މިއުޒިކް ވެސް ހިމެނޭނެ އެވެ. މީގައި އޭނަ ކުޅުނީ ވެސް އަމިއްލަ މީހާ ތަމްސީލުކޮށްދޭ ކެރެކްޓާއެކެވެ.

"ލަވް އެގެއިން" އަކީ ޖަރުމަންގެ 2016 "އެސްއެމްއެސް ފާ ޑީޝް" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

"ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް؟" އާއި "ވީ ކޭން ބީ ހީރޯސް" ގެ އިތުރުން "ވައިޓް ޓައިގާ" ފަދަ ހޮލީވުޑް ފިލްމުތައް ކުޅުނު ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" އެވެ.