ރަށްރަށުގެ ހުރިހާ ސިއްހީ މަރުކަޒުތަކެއް މެދުވެރިކޮށް މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ފަރުވާދީ ރިހިބިލިޓޭޓްކުރަން ހުޅުމާލޭގައިި ހެދި "ހާފްވޭ ސެންޓަރު" ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ވެސް މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އެހެންވެ މިކަމަށް މުޅި ރާއްޖޭގައި ވެސް ފަރުވާ ދެވޭނެ ފަސޭހ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެސެސްމަންޓެއް މިހާރު ހަދާފައިވާ އިރު، ފަރުވާ ޕްރޮގްރާމްތައް މުރާޖާ ވެސް ކުރެވިފައިވެ އެވެ. އެހެންވެ އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ މީހުން ތަމްރީންކޮށް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަން ވަނީ ދެނެގަނެވިފައި. އަންނަ އަހަރުގެ ވަރަށް ކުރީކޮޅު،" މިނިސްޓަރު ވިދާޅުވި އެވެ. "ކޮންމެ ރަށެއްގެ ހެލްތު ސެންޓަރުން ކޮންމެވެސް ވަރެއްގެ ހިދުމަތްތަކެއް މިކަމަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ."
ނަސީމް ވިދާޅުވީ މަސްތުވާތަކެތިން ދުރުހެލިވުމަކީ އެއީ ކޮންމެ މީހަކުވެސް އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ. އަދި ގަދަބާރުން އެކަން ނުވާނެކަން ފާހަގަކުރައްވާ ވިދާޅުވީ މުޖުތަމައުގައި ނަސޭޙަތް ދިނުން އިތުރުކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މިހާރު ވަރަށް ޅަ ކުދިން ވެސް މަސްތުވާތަކެތި ބޭނުންކުރެ އެވެ. އަދި މި ވަބާ އަކީ މުޅި ރާއްޖެ އަށް ފެތުރިފައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމާއި އޭގެ ވިޔަފާރި ރާއްޖޭގައި ކުރެ އެވެ.