Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

މާންދޫގައި މަސްވެރިންގެ މުޒާހަރާ މަޑުޖައްސާލައިފި

ކިރާ މަހަށް ފައިސާ ނުދޭ މައްސަލާގައި މީގެ ތިން ދުވަސް ކުރިން މަސްވެރިންތަކެއް ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި ފެށި މުޒާހަރާ ފައިސާ ދޭން އެއްބަސްވުމާ ގުޅިގެން މިއަދު މަޑުޖައްސާލައިފި އެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ މަހުޖަނު ގާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒުން ހިންގާ ތަނެކެވެ. އެތަނަށް ކިރާ މަހަށް ފައިސާ ނުލިބި މަހެއްހާ ދުވަަސްވުމާ ގުޅިގެން ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންތަކެއް މުޒާހަރާކުރަން ފެށި މިދިޔަ ހޮނިހިރު ދުވަހު އެވެ.

މަސްވެރިން ބުނީ މިއަދު މުޒާހަރާ ހުއްޓާލީ ފައިސާ ދޭން ހޮރައިޒުން އެއްބަސްވުމާ ގުޅިގެންނެވެ. މަސްވެރިން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ލިބެން ޖެހޭ ފައިސާގެ އަދަދު 21 މިލިއަނަށް އަރަ އެވެ. މަސްވެރިން ބުނި ގޮތުގައި މަސްވެރިންނަށް މިއަދު ފައިސާ ޖަމާކޮށް ދޭން ފަށާނެ ކަމަށް ބުނެފައިވާތީ އެ މީހުންގެ ހަރަކާތް މަޑުޖައްސާލީ އިރުއޮއްސި 6:00 އާ ހަމައަށެވެ.

މަސްވެރިންނަށް ފައިސާ ދޭން އެއްބަސްވި އިރު، އިިއްޔެ ރޭ ހޮރައިޒުން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާއެއް ނޯންނާ ކަމަށާއި ކުންފުންޏާ ބެހޭ ގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކުންފުނީގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައި ބުނީ މާންދު އަށް ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭ ކަމަށާއި އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ ފައިސާ ނުދީ އިތުރުވެފައިވާ އެއްވެސް ބިލެއް ވެސް ނޯންނާނެ ކަމަށެވެ.