Last Updated: July 28, 11:35
Tuesday, July 28, 2026
މުނިފޫހިފިލުވުން

"އާރްއާރްއާރް" ގެ ސީކްއެލްއެއް ހަދާނެ

މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އާރްއާރްއާރް" ގެ ސީކްއެލްއެއް ހަދާނެ ކަމަށް އޭގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނެފި އެވެ.

މި އަހަރުގެ މާޗްގައި ރިލީޒްކުރި ފިލްމު ދާދި ފަހުން އެމެރިކާގެ ޝިކާގޯގައި ޕްރީމިއާކުރަން ބޭއްވި ހަފުލާއެއްގައި ޑައިރެކްޓަރު ބުނީ އޭނަ މިހާތަނަށް ހެދި ހުރި ފިލްމެއްގެ ވާހަކަ އާއި ސްކްރީންޕްލޭގެ އެންމެ ބޮޑު ހިއްސާދާރަކީ ބައްޕަ ކޭވީ ވިޖަޔެންދުރަ ޕްރަސާދު ކަމަށެވެ. އެހެންވެ "އާރްއާރްއާރް" ގެ ދެވަނަ ބައި ކުރިއަށް ގެންދާނެ ގޮތް ބައްޕަ ރާވަމުން އަންނަ ކަމަށް ބުންޏެވެ.

"އަހަރެމެން ދެ މީހުން އެކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފިން. އެހެންވެ މިހާރު ބައްޕަ އަންނަނީ ވާހަކައިގެ މަސައްކަތްކުރަމުން." ބާހްބަލީގެ ދެ ފިލްމު ވެސް ގެނެސްދިން ރާޖަމޯލީ ބުންޏެވެ.

ނަމަވެސް "އާރްއާރްއާރް" އަށް ކިހާ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެ ކަމެއް އަދި ނޭނގެ އެވެ. ރާޖަމޯލީ އާއި ބައްޕަ މިހާރު އެންމެ ބޮޑަށް ފޯކަސްކޮށްފައި އޮތީ އެކްޓަރު މަހޭޝް ބާބޫއާ އެކީ ހަދަން ނިންމާފައިވާ އެޑްވެންޗާއަކަށެވެ. މިއީ ވެސް "އާރްއާރްއާރް" އާއި "ބާހްބަލީ" ގެ ފިލްމުތަކާ އެއްގޮތަށް ބޮޑު ބަޖެޓަކުން، ގްރޭންޑްކޮށް ހަދާނެ އެއްޗެކެވެ.

ޖުމްލަ 550 ކްރޯޑް ރުޕީސް (68 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "އާރްއާރްއާރް" އަކީ ބޮކްސް އޮފީހުގައި 1،200 ކްރޯޑް ރުޕީސް (148.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

އިނގިރޭސީންނާ ދެކޮޅަށް 1920 ގެ ތެރޭގައި ނުކުންނަ ހިތްވަރު ގަދަ ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ "އާރްއާރްއާރް" ގެ މައިގަނޑު ތަރިންނަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މީގެ ކާސްޓްގައި އާލިއާ ބަޓާއި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ.

އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާގެ އާންމު ބައެއް ކެޓަގަރީތަކަށް ވާދަކުރަން "އާރްއާރްއާރް" ވަނީ ހުށަހަޅައިފަ އެވެ.