Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

އައްޑޫ ކޯޓް ކޮމްޕްލެކްސް އަލުން ބީލަމަށް

ހުޅުދު އާއި މީދޫ މެޖިސްޓްރޭޓް ކޯޓް ހިންގަމުން އަންނަ ހުޅުމީދޫ އެސްޓީއޯ އިމާރާތް.

އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް ބީލަމަށް ހުޅުވާލައިފި އެވެ.

އެންމެ ފަހުން އެ މިނިސްޓްރީން މިކަން ބީލަމަށްލީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ކުރީގެ ބީލަން ބާތިލުކޮށް، މިހާރު އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 8 އާ ހަމައަށެވެ.

އައްޑޫ ކޯޓް ކޮމްޕްލެކްސްގެ ބިޑް ސެކިޔުރިޓީ އަކީ 650,000ރ. އެވެ. އޭގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

އައްޑޫ ކޯޓް ކޮމްޕްލެކްސް އަކީ އައްޑޫގެ ހުރިހާ ކޯޓްތަކެއް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދެވޭ ގޮތަށް ހަދަން ނިންމާފައިވާ ތަނެކެވެ. އަދި މިފަދަ އިމާރާތެއް އައްޑޫގައި ހަދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝް (ޑީޖޭއޭ) އިން ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ.