Last Updated: July 28, 11:35
Tuesday, July 28, 2026
މުނިފޫހިފިލުވުން

ކާޖޮލް ބެލުންތެރިން ޖަޒުބާތީކޮށްލާނެ

ބޮލީވުޑްގެ ބަތަލާ ކާޖޮލްގެ އާ ފިލްމު "ސަލާމް ވެންކީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

އަންނަ މަހުގެ 9 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ޑްރާމާ ފިލްމަކީ މަޔަކާއި ބަލި ފިރިހެން ދަރިއެއްގެ ގުޅުން ދައްކުވައިދޭނެ ވަރަށް އަސަރު ގަދަ ފިލްމަކަށް ވާނެ އެވެ. "ސަލާމް ވެންކީ" ގެ ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މިއީ ބެލުންތެރިން ވަރަށް ޖަޒުބާތީކޮށްލާނެ އެއްޗެކެވެ.

ފިލްމުގައި ކާޖޮލްގެ ދަރިފުޅުގެ ރޯލު ކުޅެފައި ވަނީ ރާނީ މުކަރްޖީގެ 2019 ގެ "މަރުދާނީ 2" ގެ ނުބައިބައި ރޯލު ކުޅުނު ޒުވާން އެކްޓަރު ވިޝާލް ޖެތުވާ އެވެ. "ސަލާމް ވެންކީ" ގެ ވާހަކަ އެނބުރެނީ އޭނަ ކުޅުނު ޓައިޓްލް ރޯލުންނެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރާހުލް ބޯސް، އަހާނާ ކުމްރާ، ޕްރަކާޝް ރާޖް، ރަޖީވް ކަންޑެލްވާލް (ސޫޖަލް) އަދި ވަރަށް ހާއްސަ ފެނިލުމެއްގައި އާމިރު ޚާން ވެސް ހިމެނެ އެވެ.

"ސަލާމް ވެންކީ" ގެ ޓްރެއިލާ ވެސް ނިންމާލާފައި އޮތީ އާމިރުގެ ފެނިލުމާ އެކީގަ އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ސަލްމާން ޚާނާ އެކީ 1990 ގެ "ލަވް" ކުޅުނު ބަތަލާ ރިވަތީ އެވެ.