Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ކިމްޕެމްބޭ އަށް ވޯލްޑް ކަޕް ގެއްލިއްޖެ

އަނިޔާގެ ސަބަބުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޕްރެސްނަލް ކިމްޕެމްބޭ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

ކިމްޕެމްބޭ ،27، އަނިޔާ އިން ރަނގަޅުވެ އިއްޔެ ފްރެންޗް ލީގުގައި ޕީއެސްޖީން ކުޅުނު މެޗުގައި އޭނާ ކުޅެފައިވެ އެވެ. ނަމަވެސް ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން އަދިވެސް ކިމްޕެމްބޭ މުޅިން ރަނގަޅުވެފައި ނުވާތީ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑުން އޭނާ ވަނީ ބާކީކޮށްފަ އެވެ.

ކިމްޕެމްބޭގެ ބަދަލުގައި ފްރާންސް ސްކޮޑަށް މިހާރު ވަނީ މޮނާކޯގެ ޑިފެންޑަރު އެކްސެލް ޑިސާސީ ނަގާފަ އެވެ. އަދި 26 ވަނަ ކުޅުންތެރިއެއްގެ ގޮތުގައި ބޮރޫޝިއާ މޮންޗެންގްލެޑްބަޗަށް ކުޅެމުން އަންނަ ފޯވާޑް، މާކަސް ތުރާމް ވެސް ވަނީ ފްރާންސް ސްކޮޑަށް މިއަދު ނަގާފަ އެވެ.

ތުރާމް ،25، އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ ޖަރުމަނު ލީގުގައި ކުޅުނު 15 މެޗުގައި އޭނާ ވަނީ 10 ގޯލް ކާމިޔާބުކޮށްފަ އެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އަދި މި މުބާރާތާއި ފްރާންސުން ކުރިމަތިލަނީ ވެސް ފެވަރިޓުންގެ ގޮތުގަ އެވެ.

ވޯލްޑް ކަޕްގައި ފްރާންސް މިފަހަރު ލައްވާލާފައިވަނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިޔާއާއެކު ގްރޫޕް ޑީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ފްރާންސް ބައްދަލުކުރާނީ އޮސްޓްރޭލިޔާއާ އެވެ.