އިރާނުގައި މުޒާހަރާކޮށްގެން ދައުވާކުރި މީހަކަށް ފުރަތަމަ ފަހަރަށް މަރުގެ ހުކުމެއް އިއްވައިފި އެވެ.
ތެހެރާންގެ ރިވޮލިއުޝަން ކޯޓުން އެ ހުކުމް އިއްވީ މުޒާހަރާކުރަން ނުކުމެ ދައުލަތުގެ އިމާރާތްތަކާއި މުދަލުގައި ހުޅުޖެހިކަމުގެ ދައުވާ އުފުލި މީހަކަށެވެ. އެކަމަކު އެ މީހާގެ ނަމެއް ހާމައެއްނުކުރެ އެވެ.
ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި އިރާންގައި ފެށި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ތަފާތު އެކި ދައުވާތައް އުފާލާފައިވެ އެވެ. އެގޮތުން މުޒާހަރާކުރި މީހަކަށް މަރުގެ ހުކުމް އިއްވި އިރު، އިތުރު ފަސް މީހަކަށް ވެސް ހުކުމްކޮށްފައިވެ އެވެ. އެއީ 5-10 އަހަރާ ދެމެދުގެ ޖަލަށްލުމަށެވެ. އެއީ އަމާންކަން ނަގާލަން އުޅުމާއި ގައުމީ ސަލާމަތަށް ނުރައްކާކުރި ކަމުގެ ދައުވާތަކާ އެކީގަ އެވެ.
އިރާންގައި ސެޕްޓެމްބަރުގައި ފެށި މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 326 މީހުން މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 25 އަންހެނުންނާއި 43 ކުޑަކުދިން ވެސް ހިމެނެ އެވެ.
ސެޕްޓެމްބަރު މަހުގެ 16 އިން ފެށިގެން އެތައް ބަޔަކު މަގުތަކަށް ނުކުމެ، މުޅި އިރާންގައި މުޒާހަރާކުރަން ފެށީ މަހްސާ އަމީނީ ކިޔާ 22 އަހަރުގެ އަންހެނަކު ބުރުގާ ނާޅައި އުޅުމުން ފުލުހުން އޭނާ އެ މަހުގެ 13 ގައި ހައްޔަރުކޮށް ދިން އަނިޔާތަކާ ގުޅިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ސެޕްޓެމްބަރު 16 ގައި މަރުވުމާ ގުޅިގެންނެވެ.