Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެމް-ފައިސާ އިން ޕެޓްރޯލަށް މިހާރު ފައިސާ ދެއްކޭނެ

އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ މި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. އެގޮތުން ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

މި ހިދުމަތް ތައާރަފްކޮށްދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއި އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ މިއަދު ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އެފްއެސްއެމްއާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންޓެކްޓްލެސް، އަވަސް އަދި ރައްކާތެރިކަމާއެކު އެފްއެސްއެމްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެގޮތުން މިއަދު މިއުޅެނީ އާންމު ދިރިއުޅުމުގެ ގިނަ ކަންކަން ފަސޭހަކަމާއެކު ސްމާޓްފޯން މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޒަމާނެއްގައި ކަމަށާއި އުރީދޫ އެމް-ފައިސާ ޑިޖިޓަލް ވޮލެޓުން ކަސްޓަމަރުންގެ މި ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމް ވިދާޅުވީ ކުންފުނީގެ ވިސްނުމަކީ އެފްއެސްއެމް ފިއުލް ޝެޑުތަކުން ކަސްޓަމަރުންނަށް އީޖާދީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާގެ ހިދުމަތް މިއަދު ތައާރަފްކުރުމުން އެމް-ފައިސާގެ ހިދުމަތް ހޯދާ އަދި އެފްއެސްއެމް ފިއުލް ޝެޑްތައް ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި މިއަދު މާލެ އާއި ހުޅުމާލޭގައި ތައާރަފްކުރެވުނު މި ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫ، ގދ.ފުވައްމުލައް އަދި ސ.ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ގަސަމް ވިދާޅުވި އެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެ އެވެ.