Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމު ގާއިމުކުރަން ހުޅުވާލައިފި

ދިވެހި މަސްވެރިން މަސްވެރިކަމުގައި-- ފޮޓޯ: މުހައްމަދު އާޒިމް އަލީ

މަސްދޯނީގައި މަސް ފިނިކުރާ ނިޒާމާއި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ޤާއިމު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މި ދެ ނިޒާމު މަސް ދޯނި ތަކުގައި ޤާއިމްކޮށްދެނީ އެސްޑީއެފްސީ މެދުވެރިކޮށް ހުޅުވާލާ ލޯން ސްކީމެއްގެ ދަށުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިމަޝްރޫޢުގެ ދަށުން 200 ދޯނީގައި މި ދެނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. އަދި މަޝްރޫޢު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ފުރަތަމަ ފިޔަވަހީގައި 100 ފިޔަވަހި ކުރިއަށް ގެންދާނީ 2022 އާއި 2023 ގައެވެ. މިފިޔަވަހީގެ ދަށުން 100 ދޯނީގައި މި ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދޯނީގައި މި ދެ ނިޒާމުގެ ތެރެއިން ނިޒާމެއް ނުވަތަ ދެ ނިޒާމު ޤާއިމު ކުރަން ބޭނުންވާ ފަރާތްތަކަށް މިކަމަށް ފައިނޭންސްކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ބޭންކް މެދުވެރިކޮށެވެ. އެހެން ކަމުން މިމަޝްރޫޢުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ބޭންކުގެ ޕޯޓަލް މެދުވެރިކޮށް މިމަޝްރޫޢަށް ކުރިމަތިލެވޭނެއެވެ.

މި ނިޒާމު ދޯނި ތަކުގައި ޤާއިމުކޮށްދޭނީ ދެ މަރުހަލާގެ ތެރެއިންނެވެ. ފުރަތަމަ މަރުހަލާގައި ދޯނި ތަކުގެ މައުލޫމާތު ރިކޯޑުވެވި އެއްކުރެވި، ދޯނިއަށް ބޭނުންވާ ނިޒާމުގެ ކެޕޭސިޓީ ދެނެގަނެވޭނެއެވެ. އަދި މިމަރުހަލާގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަން ބެލުމަށް ފަހު ފައިނޭންސް ސްކީމުގައި ބައިވެރިވުމަށް ދެވަނަ މަރުހަލާގެ ތެރެއިން ހުޅުވާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ދޯނީގައި މަސް ފިނިކުރާ ނިޒާމު ޤާއިމު ކުރުމަށް ބޭނުންވާ އުޅަނދުތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މަސް ބޭނުމުގެ ލައިސެންސް އޮވެ، މަސްވެރިކަމަށް މިވަގުތު ބޭނުން ކުރެވޭ އުޅަނދަކަށް ވާން ޖެހެއެވެ. އަދި މީގެ އިތުރުން އުޅަނދުގައި 15 ޓަނުގެ މަސް ރައްކާ ކުރެވި، މަދުވެގެން ދިގުމިނުގައި 50 ފޫޓު ހުންނަން ޖެހެއެވެ. އަދި މިފަދަ ނިޒާމެއް ޤާއިމު ކުރުމަށް ޖާގަވެސް އެ އުޅަނދެއްގައި ހުންނަންވާނެއެވެ.

މިފަހަކަށް އައިސް ދިވެހި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މަސް ނުކުރި ގިނަ ދުވަސްވެ ބާނާ މަސް ހަލާކުވެ އުކާލަން ޖެހުމެވެ. އަދި ދިގު ދަތުރުތަކަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ ކަންބޮޑުވުންވެސް ގިނަ މަސްވެރިން ފާޅު ކުރެއެވެ. ނަމަވެސް މި ނިޒާމުގެ ސަބަބުން މިކަމަށް މަސްދޯނި ތަކުގެ ތެރެއިން ހައްލެއް ގެނެވޭނެއެވެ.

ސަރުކާރުން ދޯނި ތަކުގައި މަސް ފިނިކުރާ ނިޒާމާއި، އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމު ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް ގެ އެހީތެރިކަމާއި އެކުގައެވެ.