Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

އެއް ޕާޓީން އަނެއް ޕާޓީ އަށް ނުދުވަން: ރޮޒޭ

އެއް ޕާޓީން އަނެއް ޕާޓީ އަށް ނުދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސާގެ މަގާމުގައި ހުންނެވި ރޮޒޭއާ މިހާރު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިން ވަރަށް ބޮޑަށް ސިޔާސީ ގޮތުން ދިމާކޮށްލައި، އެކި ކަހަލަ ވާހަކަތައް އޭނައާ ބެހޭ ގޮތުން ދައްކާ އިރު، ރޮޒޭ އަކީ ހުރިހާ ސިޔާސީ ޕާޓީއެއްގެ ތެރޭގައި އެނބުރުނު ތުންފުންސެއް ކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ޓްވިޓާގައި މީހަކު ރޮޒޭ އަކީ "ހުރިހާ ފަސާދައެއްގެ ބަލާވެރިކަން" ކަމަށް ބުނެ ދެއްކި ވާހަކައާ ގުޅިގެން އޭނާ ވިދާޅުވީ ކުރިން އުޅުއްވި ޑީއާރްޕީ ދޫކޮށްލައްވައި ގުޅިވަޑައިގަތީ އެމްޑީޕީއާ ކަމަށެވެ.

"އިތުރު ޕާޓީއަކު ނޫޅެން،" ރޮޒޭ ވިދާޅުވި އެވެ. "ތި ގޮތަށް ވިދާޅު ވަނީ އެމްޑީޕީން މިދިޔަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި ޖޭޕީ އާއި އެމްއާރްއެމާއި އަދާލަތުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމަ އެމްޑީޕީ އެންމެން އެ ހުރިހާ ޕާޓީއެއްގައި ވެސް އުޅެނީތޯ؟"

އެމްޑީޕީގެ ތެރެއިން ރޮޒޭ އަށް އަމާޒުވެފައިވާ ހަމަލާތަކާ އެކީ ދާދި ފަހުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެފައި ވަނީ "ރޮޒޭ އަކީ އެމްޑީޕީ އަށް ޖެހިފައިވާ ކުޑަވަރެއްގެ މުސީބާތެއް" ކަމަށެވެ.