Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަޖިލިސް ނިިންމީ ގަވައިދާ އެއްގޮތަށް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ޓެކްސްގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް ނޭހީ އެ އިސްލާހުގެ ތިންވަނަ ކިޔުން ނުކިޔާ އޮތުމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ ޖަލްސާ ނިމުނު ގޮތާ ގުޅޭގޮތުން ބައެއް މެމްބަރުންނަށް އޮޅުން އަރާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނިންމުމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮސްފައިވަނީ އެންމެ ގޮތެއް ކަމަށާއި، އެއީ "والحمد لل رب العالمين – މަޖިލިސް ނިމުނީ" ކަމަށެވެ.

މަޖިލީހުގައި ކަމެއްގެ ބަހުސް ނިންމުމަށްފަހު ވޯޓަށް އެހުމުގެ ކުރިން ތިންވަނަ ކިޔުން ކިޔާނެކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ޓެކްސްގެ ބިލަށް ގެނެވޭ އިސްލާހަށް އިއްޔެ ތިންވަނަ ކިޔުން އިއްވާފައިނުވާ ކަމަށެވެ.

"އިއްޔެގެ ރިޕޯޓުގެ ތިންވަނަ ކިޔުން ނުކިޔާތީވެ، ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ." ނަޝީދު ވިދާޅުވިއެވެ.

މިމައްސަލައިގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މަޖިލީހުގެ ޖަލްސާގައި ހިތްހަމަނުޖެހުންފާޅުކޮށް ވާހަކަ ދެއްކުމުންވެސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލިސް ހިންގާނީ ގަވައިދާ އެއްގޮތަށް ކަމަށާއި، އެކަމާ އެއްވެސް މެމްބަރަކު ޝައްކު ކުރައްވައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން. އިއްޔެ މަޖިލިސް ނިންމާލާފައިވަނީ، މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން. އަދި އިއްޔެގައި މަޖިލީހުގައި ވޯޓަށް އެހުމުގެ އެއްވެސްކަމެއް އެއްވެސް އިންތިޒާމެއް ނުހިނގާ. ވޯޓަށް އެހުން އޮންނަނީ ތިންވަނަ ކިޔުން ކިޔުމަސް ފަހުގައި." އިކްރާމްގެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާ ނިންމާލީ ޓެކްސްގެ ބިލުގެ ބަހުސަށް ހުޅުވާލުމަށްފަހު އެ ބިލަށް ވާހަކަ ދައްކާނެ މެމްބަރެއް ނެތުމުންނެވެ. އަދި ޖަލްސާ ނިންމާލަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ އެ ބިލަށް ވޯޓަށް އެހޭވަރަށް ކޯރަމްވެސް ނެތް ކަމަށެވެ. އެހެންނަމަވެސް އެ ވަގުތު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ހާޒިރުވެ ތިބިކަމަށް އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ބުނެފައިވެއެވެ. އަދި ޖަލްސާ ނިންމާލުމުގެ ކުރިން ވޯޓަށް އެހުމަށްވެސް ރަނގަބީލު ޖަހާފައިވެސް ނުވެއެވެ.