ބަނގުރޫޓްވެފައިވާ އިންޑިއާގެ ވިޔަފާވެރިޔާ ވިޖޭ މާލިއާ އަށް ބިނާކޮށް ހަދާ ފިލްމު "ފައިލް ނަމްބާ 323" ގެ ރޯލަކަށް ސުނިލް ޝެޓީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ވިޖޭ މާލިއާގެ ރޯލު އަނޫރާގް ކޭޝަޕް ކުޅޭ ފިލްމުގައި ސުނިލް ކުޅޭނީ މަލްޓި-ނެޝަންލް އޮޑިޓް ފާމެއްގެ ޗާޓާޑް އެކައުންޓަންޓެއްގެ ރޯލެވެ. އަދި އެއީ ފިލްމުގެ ވަރަށް މުހިއްމު ރޯލަކަށް ވާނެ އެވެ. ނަމަވެސް އަދި "ފައިލް ނަމްބާ 323" އަށް ސުނިލް ސޮއިކުރިކަން ފިލްމުގެ ޓީމުން ކަށަވަރުކޮށެއް ނުދެ އެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 60 އަހަރުގެ އެކްޓަރަކީ މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ތަރިއެކެވެ.
މި މަހުގެ 20 ގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ "ފައިލް ނަމްބާ 323" އަކީ ތަމަޅަ ފިލްމުތައް ކަމަށްވާ "އަޕަރްޗިޓް" އާއި "ޝިވާޖީ" ގެ އިތުރުން "2.0" ގައި އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ކާތިކް ކޭ އެވެ. މިއީ އޭނަގެ ފުރަތަމަ ރަސްމީ ޑައިރެކްޝަނެވެ.

ވިޖޭ މާލިއާ، 66، އަކީ ކުރިން ރާއްޖެ އަށް ވެސް ދަތުރުތަކެއް ބޭއްވި "ކިންގްފިޝާ" އެއާލައިންގެ ވެރިޔާ އެވެ. އޭނަ ބަނގުރޫޓްވެގެން އެ އެއާލައިން ވެސް ހުއްޓާލާފައިވާ އިރު، މާލިއާ އަކީ އިންޑިއާގެ އެތައް ބޭންކަކަށް ދަރައި ހުރި މީހެކެވެ. އަދި އޭނަގެ މުދަލާއި އެކައުންޓްތައް ވެސް މިކަމާ ގުޅިގެން ހިފަހައްޓާފައިވެ އެވެ. ޓެކްހަށް ވެސް މަކަރުން ހެދުން ފަދަ އެތައް މައްސަލައެއް މާލިއާގެ މައްޗަށް އުފުލާފައިވާ އިރު، އޭނާ އުޅެނީ އިންޑިއާ ސަރުކާރަށް ފިލައިގެންނެވެ.
އޭނަ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ މެމްބަރުކަން ވެސް ދެ ދައުރަކަށް ކޮށްފައިވާ މީހެކެވެ. އެއީ 2002-2009 އަށް އަދި 2010-2016 އަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ފައިލް ނަމްބާ 323" އަންނަ އަހަރުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ އެވެ.