Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ގާނޫނާ ހިލާފަށް ރިޔާސަތުގެ ގޮނޑީގައި އިށީންނަށް އުޅުން ރަނގަޅެއް ނޫން

ރައީސް މުހައްމަދު ނަޝީދު އަދި މެމްބަރު އިބްރާހިމް ޝަރީފު--

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީންނަށް އުޅުން ރަނގަޅު ނޫން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ނިންމާލިގޮތާމެދު ހިތްހަމަނުޖެހި އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން އިއްޔެ މަޖިލީހުގެ ޖަލްސާއަށްފަހު ތަޅުމުގައި ހިތްހަމަނުޖެހުންފާޅުކުރިއިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި އިށީންދެފައެވެ.

އެ މައްސަލައިގައި މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ވަނީ ނިޒާމީ ނުކުތާ ނަންގަވާ ރިޔާސަތުގެ ގޮނޑީގައި މެމްބަރަކު އިށީންދެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރިޔާސަތުގެ ގޮނޑި ކައިރިއަށް ގޮސްވެސް މެމްބަރު ޖާބިރު ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޖާބިރުގެ އިހުސާސްތައް ބަލައިގަނެވޭ ކަމަށާއި އަދި ޖާބިރު ދެއްކި ވާހަކަތައްވެސް ބަލައިގަނެވޭ ކަމަށެވެ.

"އެއްވެސް އިއްޒަތްތެރި މެމްބަރަކު ޤާނޫނުއަސާސީއާ ހިލާފަށް މި ގޮނޑީގައި އިށީންނަވަން އުޅުއްވުމަކީ ރަނގަޅު ކަމެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފެއްޓެވިތަނުންވެސް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވާ އިއްޔެގެ މަޖިލިސް ހިނގިގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ރައީސް ނަޝީދު ވަނީ ޝަރީފް ރިޔާސަތުގެ ގޮނޑީގައި އިށީންދެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑު ދުށީ އިއްޒަތްތެރި މެމްބަރު ގަވައިދާ ހިލާފަށް އަދި ހުރިހާ އާދަކާދައާ އުސޫލާ ހިލާފަށް މި ރިޔާސަތުގައި ވަޑައިގެން އިށީންނެވިތަން. މަޖިލީހުގެ ރިޔާސަތަކީ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވޯޓުދެއްވައިގެން ކަނޑައަޅާ ކަމެއް. މަނިކުފާނު އެކަން ނުކުރައްވާ މިތަނުގެ ރިޔާސަތުގައި އިށީންނެވިކަން އެއީ ވަރަށް ބޮޑު ހިތާމައެއް." ނަޝީދު ވިދާޅުވިއެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވައިދާ ހިލާފަށްކަމަށްބުނެ އެމްޑީޕީގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރިއިރު، މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ ޖަލްސާ ނިންމާލީ މަޖިލީހގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. މަޖިލީހުގައި ކަމެއްގެ ބަހުސް ނިންމުމަށްފަހު ވޯޓަށް އެހުމުގެ ކުރިން ތިންވަނަ ކިޔުން ކިޔާނެކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ޓެކްސްގެ ބިލަށް ގެނެވޭ އިސްލާހަށް އިއްޔެ ތިންވަނަ ކިޔުން އިއްވާފައިނުވާ ކަމަށެވެ. އަދި އެހެންވެ އިއްޔެ އެ ބިލަށް ވޯޓަށް ނޭހީ ކަމަށެވެ.