ރާއްޖޭގެ ސަރަހައްދުން އެންމެ ތަންކޮޅެއްވެސް ދޫކުރަން ސަރުކާރުން ނުނިންމާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޗާގޯސް މައްސަލައިގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރުން ކުރިއަށް ގެންގޮސްފައެވެ.
އެބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މެމްބަރު އަސްލަމް ވިދާޅުވީ ރާއްޖެ ސަރަހައްދުން އެއްވެސްތަނެއް ދޫކުރަން މިސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.
"އިންޗިއެއްވެސް ދޫކޮށްލާކަށް، ވެލިފުކެއްވެސް ދޫކޮށްލާކަށް [މިސަރުކާރުން] ނިންމާފައެއްނުވޭ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމިކަން އެއްވެސް ސިޓީއަކުންވެސް އަދި އެއްވެސް ތަނަކަށް ހުށަހެޅި ހުށަހެޅުމަކުވެސް އަންގާފައިނުވާ ކަމަށެވެ.
ޗާގޯސް މައްސަލައިގެ މައުލޫމާތު ސަރުކާރުން މަޖިލީހަށް ހިއްސާކޮށްފައިނުވާކަމަށް މަޖިލީހުން މީގެކުރިން ބުނެ ބަޔާނެއް ނެރެފައިވާއިރު އަސްލަމްވަނީ އެކަމާއި ގުޅޭގޮތުން ސުވާލުތަކެއް މަޖިލީހުގެ ރިޔާސަތަށް އަމާޒުކޮށްފައެވެ. އެގޮތުން މިމައްސަލައިގައި މަޖިލީހުގެ ކޮމިޓީއަކަށް ބަންޑާރަނައިބުގެ އޮފީހުން ހިއްސާކުރި ލިޔުންތައް ލިބެފައިވޭތޯ ސުވާލު ކުރެއްވިއެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ ރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތައް ކަނޑައަޅާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި ބައިނަލްއަޤްވާމީ ގޮތުން ފުށުއަރާ ފުށުއެރުންތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި، އަދި މި އާކިޕެލަޖިކް ބޭސް ޕޮއިންޓްތައް ގަބޫލުނުކުރާ ބައެއް ގައުމުތައް އުޅޭކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދާ ފުށުއަރާއަރާކަމުގައިވާނަމަ އެގައުމަކާ ވާހަކަދައްކައިގެން އެކަން ހައްލުކުރުމުގެ ބާރު އޮތްކަމަށެވެ. އެގޮތުން އުތުރުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ދެކުނުގައި އެއްބަސްވުމަކަށް ނާދެވިއޮތުމުން އެކި ސަރުކާރުތަކުން އެކި މިންވަރަށް އެކަމުގައި މޮރިޝަސް އަދި އިނގިރޭސިވިލާތާއެކު ވާހަކަ ދައްކަމުން ދިޔަ ކަމަށެވެ. އަދި އެކަމުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކުރަން ދިވެހި ސަރުކާރުން އެއްބަސްނުވާ ކަމަށާއި އަދި އެއްބަސްނުވެސްވާނެ ކަމަށް ވިދާޅުވިއެވެ.