މި ވަގުތު ފިލްމެއް ކުޅެން ތައްޔާރު ނޫން ކަމަށާއި އެހެންވެ އެކްޓިން އިން ދެކޮޅު އަހަރެއްހާ ދުވަހުގެ ބްރޭކެއް ނަގަން ނިންމިކަން ބޮލީވުޑްގެ ތަރި އާމިރު ޚާން ކަށަވަރުކޮށް ދީފި އެވެ.
އޮގަސްޓް މަހު ރިލީޒްކުރި "ލާލް ސިންގް ޗައްޑާ" ބޮޑުތަނުން ފްލޮޕްވުމާ އެކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އޭނަ އަށް އަމާޒުވި އެވެ.
އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އަށް ދިން އިންޓަވިއުއެއްގައި 57 އަހަރުގެ އެކްޓަރު ބުނީ "ލާލް ސިންގް ޗައްޑާ" އަށް ފަހު ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކް ކުޅޭ ގޮތަށް ކުރިން އޮތީ ނިންމާފައި ކަމަށެވެ. އެކަމަކު އެ ފިލްމު ނުކުޅެން ނިންމާފައިވާ ކަމަށާއި ބަދަލުގައި އޭގައި ހިއްސާވާނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ކަމަށް އާމިރު ބުންޏެވެ.
"އެއީ ވަރަށް ވެސް ފުރިހަމަ، ލޯބި ސްކްރިޕްޓެއް. އެކަމަކު މިހާރު ނިންމައިފިން އޭގައި އެކްޓްނުކުރަން. މިހާރު ބޭނުން ވަނީ އެކްޓިން އިން ބްރޭކެއް ނަގައި އާއިލާ އާއި ކުދިންނާ އެކީ ވަގުތު ހޭދަކުރަން." އޭނާ ބުންޏެވެ.
ތިން ދަރިންގެ ބައްޕަ ބުނި ގޮތުގައި އޭނަ ފިލްމެއް ކުޅޭ ނަމަ ހުރިހާ ވަގުތެއް ހުސްކުރެވެނީ އެކަމަށެވެ. އެހެންވެ އާއިލާ އާއި ދަރިންނަށް ވަގުތު ނުދެވޭތީ އެކަމުގެ ޝަކުވާތައް ވެސް ބޮޑު ކަމަށް ބުންޏެވެ. އަދި އެއީ އިންސާފެއް ނޫން ކަމަށް ވެސް ބުންޏެވެ.
"ދޮޅު އަަރެއްހާ ދުވަހު އެކްޓިންއާ ދުރުވެލަން ބޭނުން ވަނީ. އޭރުން އަހަންނަށް އާއިލާ އަށް ވަގުތު ދެވޭނެ. އެއީ މި ވަގުތަށް އަހަންނަށް ވަރަށް މުހިއްމުވެފައި އޮތް ކަމެއް،" ދެ ކައިވެނި ވެސް ރޫޅާލާފައިވާ އެކްޓަރު ބުންޏެވެ. "ތިރީސް ފަސް އަހަރު މަސައްކަތް ވެސް ކުރެވިއްޖެ. އެހެންވެ މިއީ ބްރޭކެއް ނަގަން ރަނގަޅު ދަނޑިވަޅެއް ކަމަށް އަހަރެން ގަބޫލުުރަނީ."
ދޮޅު އަހަރަށް އާމިރު އެކްޓިންއާ ދުރަށް ޖެހިލާ އިރު، އަންނަ މަހުގެ 9 ގައި ރިލީޒްކުރާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ" ގެ ހާއްސަ ފެނިލުމަކުން އާމިރު ފެންނާނެ އެވެ.