ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް އަޅަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް ހަތަރު އަހަރު ފުރިފައިވާތީ އެކަމާ ގުޅުވައިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން "ސަރުކާރަށް 4 އަހަރު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، މުޖުތަމަށް ނުރައްކާތެރި ކުށްވެރިން ބޭތިއްބުމަށް ހައި ސެކިއުރިޓީ ޖަލެއް ގާއިމު ކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް މިހާތަނަކަށް ނެތް. އަޅުގަނޑުމެން ދުނިޔޭގެ ތަންތަން ބަލައިގެން ދިރާސާކޮށްގެން ޑިޒައިންކޮށްގެން މިހާރު އަޅުގަނޑުމެން މި ވަނީ މަސައްކަތް ފަށާ ހިސާބުގައި،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދު ކުރަނީ ކުރިއޮތް ހަ މަސްދުވަހުގެ ތެރޭގައި އެތަން ގާއިމު ކުރެވޭނެ ކަމަށް. އެއީ އަޅުގަނޑުމެން މުޅި މައްސަލައާ ޑީލްކުރާ އިރު ވަރަށް މުހިންމު ޕޮއިންޓަކަށް ދެވޭނެ ހިސާބެއް."
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށް ހުކުމް ކުރެވޭ މީހުން ބަންދު ކުރުމަށްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުގެ ޖާގައިގެ ދަތިކަމެވެ. އަދި އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ ތެރެއިން ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުންނާއި އެ ނޫން ކުށްތަކުގައި ބަންދު ކުރެވޭ މީހުން ވެސް އެއް ތަނެއްގައި ބައިތިއްބަން ޖެހުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވިދާޅުވި އެވެ.